ބަންގްލަދޭޝްގައި އާދަޔާ ހިލާފު ހުދު ކުލައެއް ހުރުމުގެ ސަބަބުންނާއި، ބޮލުގައި އިންނަ ރަންކުލައިގެ އިސްތަށިގަނޑެއްގެ ސަބަބުން "ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން މަޝްހޫރުވި ގެރި، އީދު ގުރުބާންނުކޮށް ދޫކޮށްލައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ސަރުކާރުގެ އެންމެ މަތީ ފަންތީގެ މުއައްސަސާތަކުން މެދުވެރިވެގެން ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ.

Ad
rt

ބަރުދަނުގައި ގާތްގަނޑަކަށް 700 ކިލޯ ހުރި މި ގެރި، ބޮޑު އީދަށް ގުރުބާން ކުރުމަށްޓަކައި އޮތީ ވިއްކާލާފައެވެ. ނަމަވެސް، މި ޖަނަވާރަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބި، ގިނަ ބަޔަކު އެ ބަލަން އެއްވާން ފެށުމުން ސަލާމަތީ ސަބަބުތަކަށްޓަކައި ސަރުކާރުން ވަނީ މިކަމުގެ ތެރެއަށް ވަދެފައެވެ.

ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވަނީ އެ ގެރި ގުރުބާން ނުކުރުމަށާއި، އެ ގަތް މީހާއަށް ފައިސާ އަނބުރާ ދިނުމަށް އަމުރު ކުރައްވާފައެވެ. އަދި އެ ޖަނަވާރު ޑާކާގައި ހުންނަ ގައުމީ ޒޫ އަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ބަނގުލަދޭޝްގެ މަޝްހޫރު 'ޓްރަމްޕް' ގެރި އީދުގައި ގުރުބާން ކުރަނީ

"އާންމުންގެ ބޮޑު ޝައުގުވެރިކަމެއް މިކަމަށް ހުރުމާއި ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށް، އެންމެ ފަހު ވަގުތު މި ގެރި ގުރުބާން ނުކުރުމަށް ވަނީ ނިންމާފައި،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ގެރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، ރަށުން ބޭރުން ވެސް ގިނަ ބަޔަކު އެ ބަލާލުމަށް ދަނޑަށް ޒިޔާރަތް ކުރަން ފެށިއެވެ. ދަނޑުގެ ވެރިޔާ ޒިއާއުއްދީން މްރިދާ ބުނި ގޮތުގައި، އެ މީގަނޑަށް އެ ނަން ދިނީ އޭނާގެ ކޮއްކޮއެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑާ އެ މީގަނޑުގެ ބޮލުގައި ހުރި އިސްތަށިގަނޑު ވައްތަރުވުމުންނެވެ.

މްރިދާ އިތުރަށް ބުނި ގޮތުގައި މިއީ ވަރަށް މަޑުމައިތިރި ޖަނަވާރެކެވެ. އަދި މީގެ ބަލަދުވެރިކަން ބެލެހެއްޓުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި، ގަވާއިދުން ފެންވެރުވުމާއި ކާންދިނުން މުހިންމު ކަމަށް އޭނާ ފާހަގަކުރިއެވެ. ބަންގްލަދޭޝްގައި އާންމުކޮށް ފެންނަނީ ކަޅު ކުލައިގެ ގެރި ކަމަށްވާއިރު، މިފަދަ ހުދު ކުލައިގެ އަލްބީނޯ ގެރި އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެކެވެ.

މި ގެރީގެ ފުރާނަ ސަލާމަތްވުމުގެ އަސްލަކީ އޭގެ އާދަޔާ ހިލާފު ސިފަތަކާއި، އެއަށް ދެވިފައިވާ މަޝްހޫރު ނަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިހާރު މި ޖަނަވާރު އޮތީ ސަރުކާރުގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާއެކުގައެވެ.