ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން މޫދަށް ފޭބި މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެމީހާ ނިޔާވެފައި އޮއްވަ ފެނިއްޖެއެވެ.
ހުޅުމާލޭ ސްޓެލްކޯ ސަރަހައްދާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބި ދިވެއްސެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 18:30 ގައެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެއީ ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބޯޓަކުން މޫދަށް ފޭބި އެ ބޯޓުގެ ފަޅުވެރިއެކެވެ.
އެމީހާ ގެއްލުނުކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުންނާއި ސިފައިންނާއި އެމްއޭސީއެލްގެ ރެސްކިއު ޓީމު ގުޅިގެން ރޭއްސުރެ އެމީހާ ހޯދުމުގެ މަސައްކަތް އައީ ކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި މިހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 08:25 އެހައިކަންހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ އެމީހާ ފެނިފައިވާ ކަމަށް ބުނެފައެވެ.
މި ހާދިސާގައި ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ / ރަތްވިލާގެ ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!