އިރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުން ދިފާޢުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމެރިކާގެ ބެލިސްޓިކް މިސައިލް އިންޓަރސެޕްޓަރުތަކުގެ ރިޒާވްގެ ދެބައިކުޅަ އެއްބައި ހުސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ކުރި ދިރާސާތަކުން ދައްކާގޮތުގައި މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި އަސްކަރީ އޮޕަރޭޝަން ހިންގުމުގެ ގާބިލްކަން އެމެރިކާގެ މިހާރު ވަނީ ކުޑަވެފައެވެ. ޚާއްޞަކޮށް ޗައިނާ އަދި އުތުރު ކޮރެއާގެ ނުރައްކާ އޮތް ޖަޕާނާއި ދެކުނު ކޮރެއާ ފަދަ އެމެރިކާގެ ބައިވެރިން މިކަމާ މެދު މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްރާއީލުގެ ދިފާޢުގައި އެމެރިކާއިން ވަނީ އެޤައުމުގެ އަތުގައި ހުރި 'ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް' (ތާޑް) އިންޓަރސެޕްޓަރުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބޭނުންކޮށްފައެވެ. މީގެ އިތުރުން 100 އަށްވުރެ ގިނަ އެސް.އެމް-3 އަދި އެސް.އެމް-6 މަރުކާގެ މިސައިލް ވެސް ވަނީ ފޮނުވާލާފައެވެ. މިއާ ޚިލާފަށް އިސްރާއީލުން ބޭނުންކޮށްފައިވަނީ 'އެރޯ' މަރުކާގެ 100 މިސައިލާއި 'ޑޭވިޑްސް ސްލިންގް' މަރުކާގެ 90 މިސައިލެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވި ގޮތުގައި، އިސްރާއީލާއި އެމެރިކާއިން ދަނީ ދިފާޢީ ޒިންމާތައް ހަމަހަމަކޮށް އުފުލަމުންނެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، އެމެރިކާއިން އިސްރާއީލަށްވުރެ 120 އަށްވުރެ ގިނަ އިންޓަރސެޕްޓަރު ބޭނުންކޮށް، އިރާނުގެ ދެގުނަ ގިނަ މިސައިލް ނައްތާލާފައިވެއެވެ.
މި ހަނގުރާމައާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ އޭނާގެ ސަޕޯޓަރުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ޚާއްޞަކޮށް 'އެމެރިކާ ފަސްޓް' ސިޔާސަތު ދޫކޮށްލައި، ބޭރު ގައުމެއްގެ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްދަމުންދާ ކަމުގެ ތުހުމަތު އޭނާއަށް ދަނީ ކުރެވެމުންނެވެ.
ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ކުރިން ވިދާޅުވެފައިވަނީ، އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް ވަނީ އިސްރާއީލުން އިރާނަށް ހަމަލާދޭން އުޅޭކަމުގެ މަޢުލޫމާތު ދިނުމުން ކަމަށެވެ.
އިރާނުން 'ސްޓްރެއިޓް އޮފް ހޯރްމޫޒް' ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މިހާރު ދެ ގައުމުގެ ދެމެދުގައި ވަގުތީ ސުލްހައެއް ގާއިމުކުރެވިފައި އޮތް ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަލުން ހަމަލާދޭން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!