މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވަމުންދާތީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތްކުރުން މަދުކުރަން ޖެހޭ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކުން އަމަލުކުރަންޖެހޭ މުހިންމު އިރުޝާދުތަކެއްވެސް އެ ހޮސްޕިޓަލުން ވަނީ ހިއްސާކޮށްފައެވެ.

Ad
rt

ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

ހޮސްޕިޓަލުން އިރުޝާދު ދީފައިވަނީ ހުން އައިސް ގައިގައި ބިހިނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، މާސްކު އަޅައިގެން ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި މިފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދިނުމަށާއި، ކެއްސާ ނުވަތަ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި، އެފަދަ ތަންތަނަށް ދާންޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.

ވެކްސިން ފުރިހަމަކުރުމާއި މަދިރިން ރައްކާތެރިވުން

ކުޑަކުދިންނަށް ޖެހުމަށް ގައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް އަދާހަމަ ކުރުމަށް ބެލެނިވެރިންނަށް ވަނީ ހަނދާންކޮށްދީފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް، ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމަށްވެސް ވަނީ އެދިފައެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން، މަދިރި އާލާވާ ފަދަ ތަންތަން ބަލައި، ގޯތިތެރެއާއި ވަށައިގެންވާ މާހައުލު ސާފުކޮށް ބޭއްވުމަށްވެސް އައިޖީއެމްއެޗްގެ އިލްތިމާސްގައި ބުނެފައިވެއެވެ.