ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އެޕާޓްމަންޓުގެ ކޮޓަރިއެއް އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ. މި ހާދިސާގައި އެ އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Ad
rt

އެންޑީއެމްއޭ އިން ބުނީ މި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. މީގެ އިތުރުން އެޕާޓްމަންޓުގެ އެހެން ބައިތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

"މި ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން ދަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.