ދެމެހެއްޓެނިވި ސިއްހީ ނިޒާމެއްގެ ބިންގަލަކީ ނަރުހުންކަން ފާހަގަކުރައްވައި، ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ބަލިމީހުންނަށް ފަރުވާ ދިނުމާއި، ބަލިތަކުން ރައްކާތެރިވުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ނަރުހުން އަދާކުރަނީ ކޮންމެހެން ބޭނުންތެރި މުހިންމު ދައުރެއް ކަމަށެވެ. ދުނިޔެއަށް ކުރިމަތިވަމުންދާ އެކި ގޮންޖެހުންތަކާ އެކު، ނަރުހުންގެ ހިދުމަތުގެ އަގު ކުރިއަށްވުރެ ބޮޑުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއި، އެބޭފުޅުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ނަރުހުންގެ ފަންނީ އަދި އަމިއްލަ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"އަޅުގަނޑުމެން އިސްކަންދެނީ ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް އިތުރަށް ހަރުދަނާކޮށް، ސިޔާސަތުތައް ވަރުގަދަކުރުމަށް. އަދި ތަމްރީނުގެ ފުރުސަތުތައް ފުޅާކޮށް، މުސްތަގުބަލުގައި ވަރުގަދަ އަދި ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެފައިވާ ސިއްހީ ނިޒާމެއް ބިނާކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ގައުމަށް ނަރުހުން ކޮށްދެއްވަމުން ގެންދަވާ އަގުނުކުރެވޭ ފަދަ ހިދުމަތްތަކަށްޓަކައި، ރާއްޖޭގެ ހުރިހާ ނަރުހުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިހުލާސްތެރި ޝުކުރެއް ދަންނަވާފައެވެ.
ނަރުހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ނަރުހުންގެ ބައިވެރިވުން އިތުރުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!