އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ފަސްޓްލައިން ޓްރީޓްމަންޓެއްގެ ގޮތުގައި ބޭނުންކުރާ "މިތައިލްފެނިޑޭޓް" ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޤަރާރެއް ނެރުއްވައިފިއެވެ.
ރައީސް މިގޮތަށް ކަނޑައެޅުއްވީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އިޞްލާޙުކުރެއްވުމަށް މިއަދު ނެރުއްވި ޤަރާރުންނެވެ.
މި ނިންމެވުމަކީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ. މިކަމާ ގުޅިގެން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ރިޔާސަތުގައި 11 މޭ 2026 ގައި ބޭއްވުނު ޖަލްސާގައި ވަނީ މި ބަދަލު ގެނައުމަށް ރުހުން ދެއްވާފައެވެ.
މި އިޞްލާޙުގެ ދަށުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ "މިތައިލްފެނިޑޭޓް" (Methylphenidate) މިހާރު ވަނީ އެ ލިސްޓުން އުނިކޮށްފައެވެ. އަދި އެއީ ބޭހުގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައެވެ.
މިއާއެކު، އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނާއި މީހުންނަށް ދިނުމަށް ޑޮކްޓަރުން އިރުޝާދުދޭ މި ބޭސް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހި، އެފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!