އެމެރިކާގެ ވެރިރަށް ވޮޝިންގޓަންގައި ހުންނަ އެންމެ ތާރީޚީ އަދި މަޝްހޫރު އެއް ބިނާ ކަމަށްވާ ލިންކަން މެމޯރިއަލްގެ ކުރިމަތީގައި އޮންނަ "ރިފްލެކްޓިންގ ޕޫލް" ނުވަތަ ފެންގަނޑުގެ ކުލަ ބަދަލުކުރުމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި ޚަރަދުތަކާއި އެ މަސައްކަތް ހަވާލުކުރި ގޮތާ މެދު ސިޔާސީ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.

މި މަޝްރޫޢަކީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބަތަށް ތައްޔާރުވުމުގެ ގޮތުން، ޓްރަމްޕްގެ ސަރުކާރުން ވަރަށް އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތެކެވެ. މި މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

Ad
rt

1922 ވަނަ އަހަރު މި ބިނާ ހުޅުވީއްސުރެ، އެ ތަނުގެ ފެންގަނޑުން ފެންނަނީ ގުދުރަތީ އަޅި ކުލައަކާ ގުޅޭ މަޑު ކުލައެކެވެ. ނަމަވެސް، ރިޕޯޓްތައް ބުނާގޮތުގައި ޓްރަމްޕް އެ ކުލައާ މެދު ހިތްޕުޅުހަމަޖެހިވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނު ބޭނުންފުޅުވީ އެމެރިކާގެ ދިދައިގައި ހުންނަ ފަދަ ފާޅުކަން ބޮޑު ގަދަ ނޫކުލައެއް އެ ފެންގަނޑަށް ގެނައުމަށެވެ.

"މީގެ ކުރިން ދުވަހަކުވެސް މީހުން ބޭނުންވި ކުލައެއް މި ތަނަކު ނެތް، ނަމަވެސް ދެން މިތަނުން ފެންނާނީ ވަރަށް ފުރިހަމަ ކުލައެއް" މިކަމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވިކަމަށް ''ޕީ.ބީ.އެސް'' އިން ރިޕޯޓްކޮށްފައިވެއެވެ،

މި މަސައްކަތަށް ފުރަތަމަ 2 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވުނު ނަމަވެސް، ނިއުޔޯކް ޓައިމްސް އިން ހާމަކުރި ގޮތުގައި މި މަސައްކަތުގެ ޖުމްލަ އަގު ވަނީ 6.9 މިލިއަން ޑޮލަރަށް އަރާފައެވެ. އެ ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި، މި ކޮންޓްރެކްޓް "އެޓްލާންޓިކް އިންޑަސްޓްރިއަލް ކޯޓިންގްސް" އާ ހަވާލުކޮށްފައިވަނީ އާންމުކޮށް ސަރުކާރުގެ މަޝްރޫޢުތަކަށް ބިޑް ކުރާ އުސޫލުން ބޭރުންނެވެ.

މި މަސައްކަތް ހަވާލުކުރުމުގައި ބޭނުންކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ނުވަތަ ސަރުކާރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ދަނޑިވަޅުތަކުގައި ބޭނުންކުރާ އިސްތިސްނާ ގަވާއިދެކެވެ. ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދަނީ، ބިނާގެ އޮނިގަނޑަށް ނުރައްކަލެއް ނެތް ހާލަތެއްގައި، ހަމައެކަނި ރީތިކުރުމުގެ މަސައްކަތަކަށް މިފަދަ ބާރުތަކެއް ބޭނުންކުރީ ކީއްވެގެންތޯއެވެ. މީގެ އިތުރުން، މި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ މީގެ ކުރިން ވާޖިނިއާގައި ހުންނަ ޓްރަމްޕްގެ އަމިއްލަ ގޯލްފް ކްލަބެއްގެ މަސައްކަތްވެސް ކޮށްފައިވާ ކުންފުންޏެކެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ، ގައުމީ ފެންވަރުގެ ބޮޑު މުނާސަބަތެއް ކުރިއަށް އޮތުމުން، މި މަސައްކަތް "ޓްރަމްޕް ސްޕީޑް" ނުވަތަ އެންމެ އަވަސް ދުވެލީގައި ނިންމަން ޖެހޭ ކަމަށެވެ. އަދި ބައިޑަންގެ ސަރުކާރުން މިފަދަ މަސައްކަތަކަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށާއި އެތައް އަހަރެއް ނަގާނެ ކަމަށް ލަފާކޮށްފައިވާ ކަމަށްވެސް ވައިޓް ހައުސްއިން ބުނެފަވެއެވެ،

ނަމަވެސް، މި ބަދަލާއެކު ވޮޝިންގޓަންގައި މިހާރު އުފެދިފައިވާ ބޮޑު ބަހުސަކީ، މިއީ ގައުމީ ރޫހެއްގައި ކުރި ކަމެއްތޯ ނުވަތަ ރައީސްގެ އަމިއްލަ ފިކުރަކަށް ދައުލަތުގެ ފައިސާއިން ކުރި ބޮޑު އިސްރާފެއްތޯއެވެ.