ފިލިޕީންސްގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް އިން އެ ގައުމުގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކުރުމަށް ފާސްކޮށްފިއެވެ. ހޯމަ ދުވަހު ބޭއްވި މި ވޯޓުގައި، ހާޒިރުވެ ތިއްބެވި 290 މެންބަރުންގެ ތެރެއިން 257 މެންބަރުން ވަނީ ޑުޓާޓޭ މަގާމުން ވަކިކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. މިއީ މައްސަލަ ސެނެޓަށް ފޮނުވުމަށް ބޭނުންވާ ތިންބައިކުޅަ އެއްބައިގެ ވޯޓަށްވުރެ މާ ބޮޑު އަޣުލަބިއްޔަތެކެވެ.
ނައިބު ރައީސް ޑުޓާޓޭއާ ދެކޮޅަށް ހުށަހެޅިފައިވާ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމާއި، ރައީސް ފެޑިނެންޑް މާކޯސް ޖޫނިއަރ އާއި ފަސްޓް ލޭޑީ ލީޒާ އަރަނެޓާގެ އިތުރުން ކުރީގެ ހައުސް ސްޕީކަރ މާޓިން ރޮމިއުއަލްޑޭޒަށް ފާޅުގައި ބިރުދެއްކެވުން ހިމެނެއެވެ. ޑުޓާޓޭ ވަނީ އޮންލައިން ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާއަށް ގެއްލުމެއް ދީފި ނަމަ އެ ބޭފުޅުންނަށް ވެސް ގެއްލުން ދިނުމަށް ބަޔަކަށް އަންގާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލަ ތަހުގީގުކުރި ކޮމިޓީން ބުނެފައިވަނީ ޑުޓާޓޭއާ ދެކޮޅަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. ނަމަވެސް ޑުޓާޓޭ ވަނީ ކޮމިޓީގެ އަޑުއެހުންތަކަށް ހާޒިރުވެވަޑައިގަތުމަށް އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެކެވެ. ވޯޓުގެ ނަތީޖާއާ ގުޅިގެން ޑުޓާޓޭގެ ވަކީލުން ބުނެފައިވަނީ ދެން އޮތީ ތުހުމަތު ކުރި ފަރާތްތަކުން އެކަންކަން ގާނޫނީ ގޮތުން ސާބިތުކޮށްދިނުން ކަމަށެވެ.
މި ނިންމުމުގެ ސަބަބުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޑުޓާޓޭ ގެންގުޅުއްވާ ރޭވުންތަކަށް ބޮޑު ހުރަހެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ސެނެޓުން ކުށް ސާބިތުވެއްޖެ ނަމަ، އުމުރުން 47 އަހަރުގެ ޑުޓާޓޭއަށް ދައުލަތުގެ އެއްވެސް މަގާމެއް ފުރުއްވުން މަނާވާނެއެވެ. މީގެ ކުރިން 2025 ވަނަ އަހަރު ވެސް އޭނާ އިމްޕީޗް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ފަންނީ ސަބަބުތަކަކާ ހުރެ އެ ޝަރީއަތް ހުއްޓުވާފައެވެ.
2022 ވަނަ އަހަރު މާކޯސްއާ އެކު ކޯލިޝަން ހައްދަވައިގެން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ދެ ބޭފުޅުންގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ގުޅުން އިތުރަށް ހީނަރުވީ ޑުޓާޓޭގެ ބައްޕާފުޅު، ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށް އައިސީސީއަށް ގެންދިއުމަށް ރައީސް މާކޯސް ހުއްދަ ދެއްވުމާ ގުޅިގެންނެވެ. ކުރީގެ ރައީސްގެ މައްޗަށް ތުހުމަތު ކުރެވެނީ އިންސާނިއްޔާތާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ މައްސަލައެވެ.
ކުރިއަށް އޮތް ސެނެޓް ޝަރީއަތުގެ ނަތީޖާ ލަފާކުރަން ދަތި ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސެނެޓަކީ ގައުމީ ފެންވަރުގައި ހޮވޭ 24 މެންބަރުން ތިއްބަވާ ތަނަކަށް ވެފައި، ޑުޓާޓޭގެ ފަޅީގެ ކެންޑިޑޭޓުން ފަހުގެ އިންތިޚާބުތަކުގައި ރަނގަޅު ނަތީޖާއެއް ހޯދާފައިވާތީ، ވޯޓު ލިބޭނެ ގޮތް ދުރާލާ ކަށަވަރު ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!