ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ހުދޫދުގެ ތެރޭގައި ތަން މިނަށް ހުޅުވިފައިވާކަމަށާއި، ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި މި ގައުމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރަށްވުރެ ބޮޑަށް އެ މިނިވަންކަން އޮތް އެހެން ގައުމެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނަމަވެސް، ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވެފައި، ގައުމުގެ ގާނޫނުއަސާސީގައި ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާތީ، މި ސަރުކާރުން އަބަދުވެސް 'ރޫލް އޮފް ލޯ' ނުވަތަ ގާނޫނީ އިމުގެ ތެރެއިން ކަންކަން ހިފަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''މި ގައުމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ފުޅާކޮށް އޮތީ، އަޅުގަނޑަކަށް ހިޔެއްނުވޭ މި ގައުމަށްވުރެ ބޮޑަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްގައުމެއް އޮންނާނެހެނެއް ވެސް، އެހެންނަމަވެސް މި ގައުމުގެ ހަގީގަތަކީ މިއީ ސައްތައިންސައްތަ އިސްލާމީ ގައުމެއް، މި ގައުމުގެ ގާނޫނުއަސާސީ ވަރަށް ސާފު، އެހެންވީމަ، މި ސަރުކާރުން އަބަދުވެސް ރޫލް އޮފް ލޯ ހިފަހައްޓާނެ'' ރައީސް ވިދާޅުވެފަވެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާއިރު އިސްލާމްދީނުގައި މަނާކޮށްފައިވާ ކަންކަމާއި ގާނޫނުއަސާސީއާ ޚިލާފު ކަންކަން ނުކުރެވޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއްނޫން ކަމަށެވެ. އަދި އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ މުސްލިމަކަށް ވީތީވެސް ލިބިގެންވާ ހައްގެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރަންޖެހޭނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާކޮށްފައިހުރި ކަންކަމެއް ނުކުރެވޭނެ، ގާނޫނުއަސާސީ އާއި ޚިލާފް ކަންކަމެއްނުކުރެވޭނެ، އެއްވެސް ފަރާތަކަށް ލިބިފައިއޮތް ހައްގެއްނޫން އެއީ ކީއެއް، ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއްނޫން، އެހެންވީމަ އެ ލައިސަންސެއް ހިޔެއްނުވޭ އެއްވެސް ފަރާތަކަށް އޮތް ހެނެއް، މުސްލިމިކަށްވީތީ އޮތް ލައިސަންސެއްނޫން އެއީކީ، އެހެންވީމަ އެއްވެސް މީހެއްގެ އަބުރަކަށް އަރައެއް ނުގަނެވޭނެ،'' ރައީސް ވިދާޅުވެފަވެއެވެ.

ޝަރުޢީ ދާއިރާއިން ނެރޭ އަމުރުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޯޓު އަމުރެއް ނެރެފައި އޮތްނަމަ އެއަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޝަރުޢީ ދާއިރާއިން ކުރާ ކަންކަމަކީ އެ ދާއިރާގެ ޒިންމާއެއް ކަމަށާއި، އެއީ ސަރުކާރުން ކުރާ ކަމެއް ނޫންކަންވެސް ރައީސް ވަނީ ސާފުކޮށްދެއްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރަންޖެހޭނީ ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ކަމަށާއި، އެއްވެސް ފަރާތަކަށް ގާނޫނުގެ ބޭރުން އަމަލުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރައީސް ޑރ. މުޢިއްޒު މިއަދުގެ ބައްދަލުވުމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.