ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލޭއޮހޮރުވުމުގެ ތެރޭ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ދެމުންދާ ހަމަލާތައް ތިލަކޮށްދޭ ޑޮކިއުމެންޓްރީ "ޣައްޒާ: ޑޮކްޓާޒް އަންޑާ އެޓޭކް" ވަނީ ބާފްޓާ ޓީވީ އެވޯޑްސްގެ ކަރަންޓް އެފެއާޒް ކެޓަގަރީ ކާމިޔާބުކޮށްފިއެވެ.
ހޮނިހިރު ދުވަހު ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގައި ބޭއްވި ހަފްލާގައި ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރި ނަމަވެސް، ފިލްމު ހަދައިދިން ފަރާތްތަކުން ވަނީ ހަފްލާ ތެރޭ ހަރުކަށިކަމާ އެކު ބީބީސީ ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ ދައްކާފައެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، ބީބީސީ ފައިސާ ދީ ހަދައިދިން މި ޑޮކިއުމެންޓްރީ، ބީބީސީ ވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ދެއްކުމަށް ދެކޮޅު ހަދާ ހިފަހައްޓާފައި ކަމެވެ. ފިލްމު ދެއްކީ ފަހުން ޗެނަލް 4 ންނެވެ.
ބޭސްމެންޓް ފިލްމްސް ކިޔާ މިނިވަން ޕްރޮޑަކްޝަން ކުންފުންޏަށް ބީބީސީ ވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ފިލްމު ހަދަން ހަވާލުކޮށްފައެވެ. ނަމަވެސް ޣައްޒާ ގުޅޭ އެހެން ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޣައްޒާ: ހައު ޓު ސަވައިވް އަ ވޯ ޒޯން"ގެ މައްސަލަ ތަހުގީގު ކުރަމުންދިޔަ ދަނޑިވަޅުގައި ބީބީސީ ވަނީ "ޑޮކްޓާޒް އަންޑާ އެޓޭކް" ދެއްކުން ލަސްކޮށްފައެވެ.
ތަހުގީގު ނިމުމުން ވެސް ބީބީސީ ވަނީ ފިލްމު ދެއްކުމަށް ދެކޮޅު ހަދައި، ފިލްމު ދެއްކުމަކީ "ބީބީސީ ނިއުސްގެ ހައި ސްޓޭންޑަޑްތަކާ ނުގުޅޭ، ތަފާތުކުރުމެއް ހުރި ކަމެއްގެ ތަސައްވުރެއް ގެނެސްދޭ ކަމެއް" ކަމަށް ބުނެ ބަހަނާ ދައްކާ ދޫކޮށްލާފައެވެ. ބީބީސީ ވަނީ "ތަފާތުކުރުމެއް ނެތި ރިޕޯޓު ކުރުން" ނިއުސްގެ "އަސާސީ އުސޫލެއް" ކަމަށް ވެސް ބުނެފައެވެ. ފަހުން، 2024 ވަނަ އަހަރުގެ ޖުލައި މަހު، ޗެނަލް 4 ވަނީ ފިލްމު ހޯދައި ގިނަ ބަޔަކަށް ދައްކާފައެވެ.
ހަފްލާ ތެރޭ ބީބީސީ ކުށްވެރިކޮށް ވާހަކަ ދެއްކެވި
ބީބީސީ ވަން ޗެނަލްގައި ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ލަސްކޮށްގެން ދެއްކި ހަފްލާ ތެރޭ ފިލްމުގެ އެގްޒެކިއުޓިވް ޕްރޮޑިއުސަރ ބެން ޑި ޕިއަރ ވަނީ ސީދާ ބީބީސީ ކުށްވެރިކޮށް ވާހަކަ ދައްކަވާފައެވެ.
"ފަހުން، ބީބީސީ ކިބައިން ސުވާލެއް ކޮށްލަން ބޭނުން: ތިޔަ ބޭފުޅުން ތިޔަ ދޫކޮށްލި ފިލްމަށް ވީ ގޮތް ބަލާ، ރޭ ދަންވަރު ބާފްޓާ ސްކްރީނިންއިން ތިޔަ ބޭފުޅުން ވެސް ދޫކޮށްލައިފިތޯ؟" ޑި ޕިއަރ ވިދާޅުވިއެވެ.
ޖަރނަލިސްޓް އަދި ޕްރެޒެންޓަރ ރަމީތާ ނަވާއި ވެސް ހަފްލާ ތެރޭ ވަރަށް ސާފު ބަހުން ބީބީސީ ކުށްވެރިކޮށް ވާހަކަ ދެއްކެވިއެވެ.
"ބީބީސީ ފައިސާ ދީ ހަދައިދިން، ނަމަވެސް ދެއްކުމަށް ދެކޮޅު ހެދި ތަހުގީގެ ހޯދުންތައް މިއީ. ނަމަވެސް އަހަރެމެން ހިމޭނެއް ނުވާނަން. ސެންސަރު ކުރެވޭކަށް ނެތް. ފިލްމު ދެއްކި ޗެނަލް 4 ށް ޝުކުރު ދަންނަވަން،" ނަވާއި ވިދާޅުވިއެވެ.
1،700 އަށް ވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ޝަހީދުކޮށްލާފައި
ނަވާއި ވިދާޅުވި ގޮތުގައި، ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލޭއޮހޮރުވުމުގެ ތެރޭ 1،700 އަށް ވުރެ ގިނަ ފަލަސްތީނީ ޑޮކްޓަރުންނާ ސިއްހީ ދާއިރާގެ މަސައްކަތްތެރިން ޝަހީދުކޮށްލާފައިވާ ކަމަށާ، 400 އަށް ވުރެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަވާއި ވަނީ ޔަހޫދީ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނީ ސިއްހީ މަސައްކަތްތެރިންނަށް ހާއްސަ ގޮތެއްގައި މި ބާފްޓާ އެވޯޑް ހަދިޔާ ކުރަށްވާފައެވެ.
ގްރައުންޑްގައި ތިބި ޣައްޒާ ނޫސްވެރިންނަށް ހާއްސަ ތައުރީފެއް
ހަފްލާ ނިމުމުން ބެކްސްޓޭޖްގައި ވާހަކަ ދައްކަވަމުން ޑި ޕިއަރ ވަނީ ފިލްމަށް ވީޑިއޯ ފޯތަރޭ ފޯރުކޮށްދިން ޣައްޒާގެ ދެ ޖަރނަލިސްޓުން ކަމަށްވާ ޖާބިރު ބަދްވާން އާ އޮސާނާ އަލް-ޢާޝީ ދެ ބޭފުޅުންނަށް ހާއްސަ ތައުރީފެއް ދެއްވިއެވެ.
"އަހަރެމެން ކޮންމެ ދުވަހަކު ހޭލަނީ، ބިންމަތީ ތިބި ދެ ނޫސްވެރިން ދިރިތިބިތޯ ބަލަ ބަލަ ތިބެ،" ޑި ޕިއަރ ވިދާޅުވިއެވެ.
ޣައްޒާ ހަނގުރާމައިގެ ތެރޭ ސިއްހީ ނިޒާމަށް ދެމުންދާ ހަމަލާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައި މި ޑޮކިއުމެންޓްރީ ބީބީސީ ދޫކޮށްލި ނިންމުމަކީ ދުނިޔޭގެ ނޫސްވެރިކަމުގެ ދާއިރާ ތެރޭ ވަރަށް ބޮޑު ބަހުސެއް ހިންގި ނިންމުމެކެވެ. ބާފްޓާ ކާމިޔާބު ކުރުމާ ގުޅިގެން، ބީބީސީ ނިންމި ނިންމުމަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަލުން ވަރުގަދަވެ، ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. ދުނިޔޭގެ ބޮޑެތި މީޑިއާ ތަކަކީ ހަގީގަތް ރައްޔިތުންނާ ހިސާބަށް ގެންދިނުމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ކަމަށްވާ ހިނދު، ބީބީސީ ފަދަ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް މީޑިއާ ޖަމާއަތުން ފަލަސްތީނުގެ ހަގީގަތް ސެންސަރުކޮށް ހިފަހައްޓާ ނިންމި ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާ ހަގީގަތް ހާމަކުރުމުގެ ރޫހާ ފުށުއަރާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ ގަތުލުއާންމުގައި ސިއްހީ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ދިމާލަކުން ފަލަސްތީނީ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ވޭންތައް ދުނިޔޭގެ ލޮލަށް ހާމަކޮށްދިނުމުގައި ފުރާނަ އަތްމައްޗަށް ލައިގެން ހަރަކާތްތެރިވަމުންދާ ޣައްޒާގެ ނޫސްވެރިންނާ ސިއްހީ ދާއިރާގެ ބަތަލުންގެ ގުރުބާނީ ދުނިޔޭގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމީ ޝައްކެއް ނެތް ހަގީގަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!