އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ކައިރިން ކަނޑުގެ ބޮޑު ސަރަހައްދަކަށް ތެޔޮ އެޅިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން މި ހަފުތާގައި ފާހަގަކުރެވިއްޖެއެވެ.
ޔޫރަޕްގެ ކޮޕަރނިކަސް ސެންޓިނަލް ސެޓެލައިޓްތަކުން މެއި 6 އިން 8 އަށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، 8 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ރަށުގެ ހުޅަނގު ފަރާތުން ކަނޑުގެ ސަރަހައްދުގައި އަޅި އަދި ހުދު ކުލައިގެ ބޮޑު ތެޔޮ ފަށަލައެއް ވަނީ އުފެދިފައެވެ.
ކޮންފްލިކްޓް އެންޑް އެންވަޔަރަންމަންޓް އޮބްޒާވެޓަރީގެ ރިސާޗަރެއް ކަމަށްވާ ލިއޯން މޯލޭންޑް ވިދާޅުވި ގޮތުގައި، ފޮޓޯތަކުން ފެންނަ ފަށަލައަކީ ތެޔޮކަން ބެލެވޭ އިރު، މި ތެޔޮގަނޑު ގާތްގަނޑަކަށް 45 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.
ތިމާވެއްޓާއި މުދަލާ ބެހޭ ކޮންސަލްޓެންސީއެއް ކަމަށްވާ 'ޑޭޓާ ޑެސްކް' ގެ ކޯ-ފައުންޑަރ ލުއީ ގޮޑާޑް ވިދާޅުވީ، މިއީ މީގެ 70 ދުވަސް ކުރިން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ފެނުނު އެންމެ ބޮޑު ތެޔޮ ބޭރުވުން ކަމަށް ވެދާނެ ކަމަށެވެ.
ޚާރްޖް އައިލެންޑް ފެނުނު ތެލުގެ ފަށަލަ، ފޮޓޯ: ރޮއިޓާސް
މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިންނާއި ޖެނީވާގައި ހުންނަ އީރާނުގެ މިޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މި ތެޔޮ ކަނޑަށް އެޅެން މެދުވެރިވި ސަބަބާއި، ތެޔޮ ބޭރުވާ މައިގަނޑު ދިމާ އަދި ދެނެގަނެވިފައި ނުވި ނަމަވެސް، މެއި 8 ގެ ފޮޓޯތަކުން އިތުރަށް ތެޔޮ ބޭރުވަމުންދާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.
އީރާނުން ބޭރުކުރާ ތެލުގެ 90 އިންސައްތަ އެކްސްޕޯޓްކުރާ ޚާރްޖް އައިލެންޑަކީ މި ހަނގުރާމައިގައި އެމެރިކާގެ ހަމަލާތައް އަމާޒުވި ތަނެކެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް، ތެޔޮ ޓޭންކަރުތައް ވަދެނުކުތުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ގަލްފް ސަރަހައްދުގައި ސަތޭކައެއްހާ އުޅަނދު ތާށިވެ، ދުނިޔޭގެ ސާފުނުކުރާ ތެލާއި، ގޭސް އަދި ތެލުގެ އުފެއްދުންތައް ސަޕްލައިކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!