ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހުރިހާ ސުކޫލުތަކެއްގެ ކިޔަވައިދިނުން އަންނަ ހުކުރު ދުވަހާ ހަމައަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެ، ކުއްލި ނުރައްކަލުގެ އެލާޓްތައް ނެރުމާ ގުޅިގެންނެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި މިނިސްޓްރީން މިކަން އިއުލާން ކުރީ، ތިން ގަޑިއިރާއި ބައިގެ ތެރޭގައި ފަސް ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ އެލާޓް ސިސްޓަމް މެދުވެރިކޮށް އިންޒާރު ދިނުމަށްފަހުއެވެ. މި އެލާޓްތައް ނެރެފައިވަނީ އޭޕްރީލް 9 ވަނަ ދުވަހު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، އަނެއްކާވެސް އީރާނުން މިސައިލް ހަމަލާތަކެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.
ތައުލީމީ އިދާރާތަކުން ވަނީ ވަގުތުން އޮންލައިން ޕްލެޓްފޯމްތަކަށް ކިޔަވައިދިނުން ބަދަލުކޮށް، ދަރިވަރުންގެ އުނގެނުމުގެ ކަންކަން މެދުނުކެނޑި ކުރިއަށްދާނެކަން ކަށަވަރުކޮށްފައެވެ. ސުކޫލުތަކުން މިހާރުވެސް އާންމު ތާވަލާ އެއްގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދާއިރު، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ދަނީ ވަރަށް ގާތުން ފާރަވެރިވަމުންނެވެ.
މި ބަދަލު މި އައީ، ހަތް ހަފުތާގެ އޮންލައިން ކިޔަވައިދިނުމަކަށްފަހު، މިދިޔަ އޭޕްރީލް 20 ވީ ހޯމަ ދުވަހު ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދޭން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ކުރިންވެސް އޮންލައިންކޮށް ކިޔަވައިދޭން ޖެހުނީ އެމެރިކާ، އިޒްރޭލު އަދި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ޔޫއޭއީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިންވެސް ވަނީ، ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންމެ ވަގުތެއްގައިވެސް އޮންލައިން ކިޔަވައިދިނުމަށް ބަދަލުވާން ޖެހިދާނެ ކަމަށާއި، އެކަމަށް ތައްޔާރުވެ ތިބުމަށް ސުކޫލުތަކަށް އަންގާފައެވެ. މިގޮތުން ސުކޫލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންސްޕެކްޝަންތަކާއި ތަމްރީނު ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ.
ތައުލީމީ ދާއިރާގެ އިސްވެރިން ވިދާޅުވާ ގޮތުގައި، އެންމެ ބޮޑު އިސްކަމެއް ދެނީ ކޮންމެ ހާލަތެއްގައިވެސް ކިޔަވައިދިނުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ފަދަ ލުއި ފަސޭހަ ނިޒާމެއް ގާއިމުކޮށްފައި ބޭއްވުމަށެވެ. ސުކޫލުތަކުން ދަނީ ބެލެނިވެރިންނާއި ދަރިވަރުންނަށް ބޭނުންވާ މައުލޫމާތުތައް ހިއްސާކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!