އީރާނާއި އެމެރިކާއާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި، މެދުއިރުމަތީގެ އަށް ގައުމެއްގައި ހުރި އެމެރިކާގެ 16 އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ''ސީއެންއެން'' އިން ކުރި މިނިވަން ތަހުގީގަކުން ހާމަވެއްޖެއެވެ.

''ސީއެންއެން'' އެއްކުރި ސެޓެލައިޓް ފޮޓޯތަކެއް ދިރާސާކުރުމަށްފަހު އެ ނޫހުން ރިޕޯޓްގައިވާގޮތުން އީރާނުގެ މި ހަމަލާތައް އަމާޒުވެފައި ވަނީ ކުވެއިތު، ބަހްރޭން، ޔޫއޭއީ، ސައުދީ އަރަބިއްޔާ، އުރުދުން އަދި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.

Ad
rt

ސީއެންއެންގެ ރިޕޯޓުގައިވާގޮތުން އެއިގެ ތެރެއިން ބައެއް މަރުކަޒުތައް ވަނީ ބޭނުން ނުކުރެވޭވަރަށް ބިމާ ހަމަކޮށް، ހަލާކޮށްލާފައެވެ. އަދި ބާކީ މަރުކަޒުތަކަށް ވެސް ބޮޑެތިގެއްލުންތަކެއްދީފައިވާއިރު، އެ މަރުކަޒުތައް އަލުން ބިނާކޮށް ހިންގުމުގެކަންކަމަށް އެމެރިކާއިން އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރަންޖެހޭނެކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ހަމަލާތަކުގައި އެމެރިކާގެ އެންމެ ޒަމާނީ މަތިންދާބޯޓުތަކާއި، މުވާސަލާތީ ވަސީލަތްތަކުގެ އިތުރުން ރާޑަރު ސިސްޓަމްތަކަށް ވަނީ އަމާޒުކޮށްފައެވެ. ވަކިން ހާއްސަކޮށް ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްގައި އޮތް އެމެރިކާގެ E-3 Sentry މަތިންދާބޯޓު ވަނީ ގޮއްވާލާފައެވެ.

ސީއެންއެންގެ ތަހުގީގުން ހާމަވާގޮތުގައި، އީރާނުން މި ހަމަލާތައް ދިނުމުގައި ބޭނުންކޮށްފައިވަނީ 2024 ވަނަ އަހަރު ސިއްރިއްޔާތުގައި ޗައިނާއިން ގަނެފައިވާ TEE-014 މަރުކާގެ ސެޓެލައިޓެކެވެ. މި ސެޓެލައިޓްގެ އެހީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ތަންތަން ވަރަށް ސައްހަކޮށް އީރާނަށް ބަލާލުމުގެ ގާބިލުކަން ލިބިފައިވެއެވެ. މިއީ އެމެރިކާއިން ބޭނުންކުރާ ސެޓެލައިޓްތަކާ ދާދި އެއްފެންވަރެއްގެ ޓެކްނޮލޮޖީއެއް ކަމަށް ފާހަގަކުރެވެއެވެ.

މި ހަމަލާތަކާ ގުޅިގެން މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވަނީ، "އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިފަދަ ބޮޑު ގެއްލުމެއް ލިބިފައިވާތަން މީގެ ކުރިން ދެކެފައިނުވާ" ކަމަށެވެ. އަދި މި ހަމަލާތަކަކީ ވަރަށް ހަލުވި އަދި އަމާޒަށް ސީދާ ހަމަލާތަކެއް ކަމަށްވެސް އެ ފަރާތުން ފާހަގަކުރިއެވެ. އުރުދުންގައި ހުންނަ މުވާފަގު ސަލްޓީ އެއާ ބޭސްގެ ރާޑަރު ސިސްޓަމްތަކަށް ލިބުނު ގެއްލުމަކީ އެމެރިކާއަށް ލިބުނު ބޮޑު މާލީ ގެއްލުމެއް ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މި ހާދިސާއާ ގުޅިގެން ސަރަހައްދީ ގައުމުތަކުގެ މެދުގައި އެމެރިކާގެ އަސްކަރީ ބާރާ މެދު އޮތް އިތުބާރަށް ވަނީ އަސަރުކޮށްފައެވެ. ސައުދީ އަރަބިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ހަނގުރާމައިން އެނގިގެންދިޔައީ އެމެރިކާއާއެކު އޮންނަ އިއްތިހާދަކީ އެންމެ ފުރިހަމަ އިއްތިހާދު ނޫންކަމާއި، އެހެން ގައުމުތަކާ އެކުވެސް ގުޅުން ބަދަހިކުރަން ޖެހޭ ކަމެވެ.