ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕީސީބީ އިން މިއަދު ބުނީ އެތަނުގެ ރައީސްގެ މަގާމުގައި ހުންނެވި، ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް، މަގާމުން އިސްތިޢުފާ ދީފައިވާތީ އޭނާގެ އިސްތިޢުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ.

Ad
rt

އެއާއިއެކު އެމަޤާމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ މއ. ޔެލޯބެލް މުޙައްމަދު ނިޒާރު އައްޔަނުކޮށްފައިކަމަށް އެ ބޯޑުން ބުންޏެވެ. ނިޒާރަކީ ކުރިން ވެސް މި ބޯޑުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ބޯޑުގެ ރައީސްގެ މަގާމު ފުރުއްވި ނިޒާރު ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ އިސް މަޤާމުތަކުގައި، 14 އަހަރު ޚިދުމަތްކުރައްވާފައެވެ.

ނިޒާރަކީ ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު ޕީސީބީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވި އަނަސް އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ 13 މާރިޗް 2025 ގައެވެ.

ޕީސީބީގެ ރައީސްކަމުގައި އަނަސްގެ ކުރިން ހުންނެވީ ޙަމްދީ ޢަޤީލް އެވެ. އޭނާ ވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ. މިހާރު ހަމްދީ ހުންނެވީ މީޑިއާ ކޮމިޝަންގެ އެސްޖީ އަކަށެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުހިންމު މުއައްސަސާއެކެވެ.

ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ.