ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ކަނޑައެޅި އިސްލާހު ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މަރުޙަބާ ކިޔައިފިއެވެ.
މި ހުކުމަށް މަރުޙަބާ ކިޔައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުސޫލަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައިވެސް އަމަލުކުރަމުންދާ، އަދި ގާނޫނުއަސާސީތަކުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ އުސޫލެއް ކަމަށެވެ. ރާއްޖެ ފަދަ ސިޔާސީ ނިޒާމެއްގެ މައްޗަށް ގާނޫނުއަސާސީ ބިނާވެފައިވާ ގައުމެއްގައި މިފަދަ އުސޫލުތައް ތައާރަފުކުރުމަކީ މުހިންމު ކަމެއްކަން ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާކަމަށް ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.
ޕީއެންސީން ބުނިގޮތުގައި މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިގުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ ސިފަކޮށްފައެވެ. އަދި މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް އަސާސީ ހައްގަކަށް އުނިކަން ލިބޭނެ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަށް އެއްވެސް ބަދަލެއް ނާންނާނެކަން ކޯޓުން ވަނީ ކަށަވަރުކޮށްދީފައިވާކަމަށް ވެސް ބުނެފަވެއެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ، ސަރުކާރުގެ ފަރާތުން ހުށަހަޅައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި މި އިސްލާހަކީ ރާއްޖޭގެ ސިޔާސީ ނިޒާމުން ކޮރަޕްޝަންގެ ފުރުސަތުތައް ނައްތާލުމަށް ގެނައި ތާރީޚީ ބަދަލެއް ކަމަށެވެ. އަދި މިއީ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކޮށް، މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
''މި ބަދަލުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް އަމަލުކުރަން ފެށީއްސުރެ ސިޔާސީ މައިދާނުގައި ފެންނަމުންދިޔަ ނޭދެވޭ އަމަލުތަކާއި، މެންބަރުން ޕާޓީ ބަދަލުކުރުމުގެ ސަބަބުން އުފެދޭ ހަލަބޮލިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން'' ޕީއެންސީން ބުނެފަވެއެވެ.
ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ، ރާއްޖޭގެ ސިޔާސީ ނިޒާމު އިސްލާހުކޮށް، ގައުމުގައި ހަމަޖެހުމާއި ތަރައްގީ ގާއިމުކުރެއްވުން ކަމަށް އެ ޕާޓީން ފާހަގަކޮށްފަވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ޕާޓީން މަސައްކަތް ކުރާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމުގެ ޔަގީންކަން ޕީއެންސީން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!