ތ. ކިނބިދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 29 ވީ ބުދަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ކިނބިދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، އިތުރު ފަރުވާ ބޭނުންވާތީ އޭނާ މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އެ މީހާއަށް އަނިޔާތަކެއް ލިބިފައިވީ ނަމަވެސް، އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
ފުލުހުން ބުނީ، މި މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!