ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް ކަމަށާއި، މިއީ ދިވެހި ކޮންމެ ފަރުދަކު ފުންކޮށް ވިސްނައި އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއަދު ހެނދުނު އާންމު ރައްޔިތަކާއެކު ފޯނުން ދެކެވުނު ވާހަކަތަކެއްގެ ތެރެއިން، ސްކޫލްތަކުގައި ބުލީކުރުން ނުވަތަ ފުރައްސާރަކުރުން ކުރިމަތިވާ މައްސަލައާ މެދު ވަނީ މަޝްވަރާ ކުރެވިފައެވެ.
މި މައުޟޫއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބަޔަކަށް ވާއިރު، ކުލުނާއި އޯގާތެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުދިންނަށް ފެންނަނީ ނޭދެވޭ މަންޒަރުތަކެއް ކަމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރުމުގެ ސަބަބުން ކުދިން އެ އާދަތައް ދަސްކޮށް، ސްކޫލް މާހައުލުގައި އެކަން ތަކުރާރުކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި 'މުނިފޫހިފިލުވުން' ކަމުގައި ވެއްޖެ. އިވޭ ކޮންމެ އަޑަކީ، އަދި ފަތުރާލާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ސްކޫލްތަކުގައި ތަރުބިއްޔަތު ދިނުމަށް ހިންގާ ޕްރޮގްރާމްތައް ހަރުދަނާކުރަން ޖެހޭ ކަމަށާއި، މި އަހަރު ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމަކީ މިފަދަ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުސްލިމުންގެ ގޮތުގައި ތިބެ، އިސްލާމީ ރިވެތި އަޚުލާގު ކުދިންނަށް އުނގަންނައިދިނުމަކީ އެންމެ ބޮޑު ޒިންމާ ކަމަށް ވިދާޅުވަމުން، ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގެ މާނަ ވަޒީރު ހަނދާންކޮށްދެއްވިއެވެ. އެއީ މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމަށެވެ.
ބުލީކުރުން ހުއްޓުވުމަށްޓަކައި ގޭތެރެއާއި މުޖުތަމައުގެ މާހައުލަކީ އޯގާތެރި އަދި އެކަކު އަނެކަކަށް އިހުތިރާމްކުރާ ތަނަކަށް ހަދަންޖެހޭ ކަމަށާއި، ދޮގު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަދު ހެޔޮ ނަމޫނާ ނުދައްކައިފިނަމަ، މާދަމާގެ ޖީލު އޮންނާނީ ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ ނަފްސާނީ ގޮތުން ބަލިކަށި ވެއްޓެއްގައި ކަމަށް ވިދާޅުވެ ވަޒީރު ވަނީ އިންޒާރު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!