ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) ހަމަޖައްސައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ޓިކެޓް ދޫކޮށްލެއްވުމާ ގުޅިގެންނެވެ.

Ad
rt

މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވައި، އެ ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ކުރީގެ މެމްބަރު މުހައްމަދު ސިނާންއެވެ. ނަމަވެސް، އަންގާރަ ދުވަހުގެ ރޭ ސިނާން ވަނީ އެ ޓިކެޓް ދޫކޮށްލައްވައި، ޕާޓީން ދައްކާ ކެންޑިޑޭޓަކަށް ތާއީދު ދެއްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސިނާން ޓިކެޓް ދޫކޮށްލެއްވީ އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެހެން ބޭފުޅަކަށް ފުރުސަތު ދިނުން ކަމަށް ފެންނާތީ ކަމަށެވެ. އަދި ސިނާން ހުންނެވީ ޕާޓީއާއެކު ސާބިތުކަމާއެކު ކަމަށާއި، ޕާޓީން ދައްކާ ކެންޑިޑޭޓަކު ހޮވުމަށް އެންމެ ކުރީގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވިގޮތުގައި، އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތުގެ ތެރޭގައި އިތުރު ޕްރައިމަރީއެއް ބޭއްވުމުގެ ވަގުތު ނެތުމާއެކު، ޕާޓީން ނިންމީ ޕްރައިމަރީގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އަހުމަދު ސައީދު އަށް ޓިކެޓް ދިނުމަށެވެ.

''އެނގިވަޑައިގަންނަވާނެ ޕްރައިމަރީގައި ސިނާން އާއި ވާދަކުރެއްވީ ސައީދު، މި ދެބޭފުޅުން ޕްރައިމަރީގައި ވާދަކުރެއްވުމާއި އަދި އިލެކްޝަނުން ދީފައިވާ މުއްދަތުގައި އިތުރަށް ޕްރައިމަރީ އަކަށް ހުޅުވާލައިގެން ބޭނުންވާ ވަގުތު ނެތުމާއެކު، ސައީދު ވެސް ކުރިއަށް ވަޑައިގަތުމުގެ ވިސްނުން ހުރުމާއެކު ޕާޓީ އަށް ހަމައެންމެ ރަނގަޅު ގޮތަކަށް މިވަނީ އަދި ޕާޓީގެ ސަޕޯޓަރުން ޕާޓީ އާއި ހިއްސާކޮށްފައި ވަނީ ޕްރައިމަރީގައި ވާދަކުރެއްވި ދެވަނަ ކެންޑިޑޭޓް ސައީދު އާއެކު، އެއީ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅިގެން ކުރިއަށް ދިޔުން، އެއީ އެންމެ ރަނގަޅުގޮތްކަމަށް ޕާޓީއަށް ފެންނާތީއާއެކީގައި، ސައީދު އާއި އެކީގައި މި އިންތިޚާބުގައި ހިތަދޫ އިތުރު ދާއިރާ އަށް ވާދަކުރަން މި އޮތީ ނިންމާފައި'' ޝިޔާމް ވިދާޅުވިއެވެ.

މި ނިންމުމާއެކު، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ރަސްމީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ އަހުމަދު ސައީދު (ސޮޑާ) އެވެ. ޕާޓީގެ އަމާޒަކީ ހުރިހާ މެންބަރުން ގުޅިގެން މަސައްކަތްކޮށް މި ގޮނޑި ކާމިޔާބު ކުރުންކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ދެއްކެވި ވާހަކާގައި ސަރުކާރާއި ގުޅިގެން ދާއިރާގެ ތަރައްގީ އަށް މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.