ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް މިމަހު ވަނީ ނިންމާލައިފަ އެވެ.
އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ރިޔާސީ ނިޒާމް އޮންނަ ގައުމުތަކުގައި ވެސް ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމުގައި ގާނޫނާ ހިލާފް ކަމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން މިހާރު ހިނގަމުންދާ މަޖިލިސްގެ މެމްބަރުންގެ މައްޗަށް ވެސް އެ އުސޫލު ހިނގާނެ ކަމަށް ހުކުމުގައިވެ އެވެ.
ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރެއްވި ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔަކީ އެ އިސްލާހު ބާތިލްކުރަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ ގޮނޑި ގެއްލޭ އިސްލާހުގެ ގެނައީ 2024 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!