މިއަދު ހަވީރު ކުޅެވޭ ރާއްޖޭގެ ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފައިނަލް މެޗު ކުޅެމުންދާ ވަގުތު ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑު ކައިރިއަށް އައިސް ޓީމަށް ސަޕޯޓުކޮށް ދިނުމަށް ދިއްދޫ ޓީމުން އެދިއްޖެއެވެ.

ފައިނަލްގައި ދިއްދޫ އާއި ދެކޮޅަށް ނުކުންނާނީ ހދ. ހަނިމާދޫ އެވެ.

Ad
rt

ދިއްދޫ ސްޕޯޓްސް އިން މިއަދު ބުނީ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިސަލުންގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް ގިނަ ސަޕޯޓަރުން މިއަދު ހަވީރު ދިއްދޫ ދަނޑަށް ގޮސް މިއަދު ކުޅެވޭ ފައިނަލް މެޗްގައި ޓީމް އަށް ސަޕޯޓްކޮށްދިނުމެވެ.

''ޓީމު ކުޅޭނީ ރަސްމީ ދަނބު ކުލައިގެ ޖާޒީގައި، އަބަދުވެސް ތިޔަ ލޮބުވެތި ސަޕޯޓަރުން ޓީމްއަށް ތިޔަ ދެއްވާ ހިތްވަރަށް ޓީމްގެ އެންމެ މެންބަރުންގެ ނަމުގައި ޝުކުރު އަދާ ކުރަން،'' ދިއްދޫ ސްޕޯޓްސް އިން ބުނެފަވެއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) ވެސް ވަނީ މިއަދު ދިއްދޫ ޓީމާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ. މިކަން ފާހަގަކޮށް ދިއްދޫ ޓީމުން ބުނީ ކުރިއަށް ހުރި މެޗުތަކުގެ ކުރިން، މެންބަރު ޢަބްދުއްލަޠީފް ދިއްދޫ ޓީމާ ބައްދަލުކުރެއްވުމަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި ދިއްދޫގެ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ލަތީފް ދެއްވާ ހިތްވަރާއި މެދުކެނޑުމެއްނެތް އެއްބާރުލުމަކީ، އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވަރަށް ބޮޑު މާނައެއް ހުރި ކަމެއްކަމަށް ވެސް ދިއްދޫ ޓީމުން ބުނެފަވެއެވެ.

މިއަދުގެ ފައިނަލަށް ނުކުންނައިރު ދިއްދޫ ޓީމަށް ހިތްވަރު ދިނުމުގެ އެކި މެސެޖުތައް އެރަށުގެ ކަމުވޮށިގެންވާ ބޭބޭފުޅުންނާއި އާންމު ރައްޔިތުން ވަނީ ފޮނުވާފައެވެ. އެއިގެ ތެރޭގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގާއި، ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދާއި އަދި ހއ. އަތޮޅު ކައުންސިލްގެ އެސްޖީ އަބުދުއްލަތީފް މުހައްމަދު ހިމެނެއެވެ.

ދިއްދޫ ފައިނަލަށް ދަތުރުކުރީ ފުރަތަމަ މެޗު 4-1 އިން ކުޅުދުއްފުށީ ސިޓީ ބަލިކޮށް އަދި ދެވަނަ މެޗުގައި 2-2 އިން ހަނިމާދޫ އާއި އެއްވަރު ކޮށްގެންނެވެ. ހަނިމާދޫ ފައިނަލަށް ދިޔައީ ދިއްދޫ މެޗު އެއްވަރުވެ، 3-0 އިން ކުޅުދުއްފުށީ ސިޓީ ބަލިކޮށްގެންނެވެ.