ލ. ގަމުގައި ތަރައްޤީކުރަން ނިންމާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލުގެ އިތުރުން، މާލޭ ސަރަހައްދުގައި ވެސް ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޖެނުއަރީ 1 އިން އޭޕްރިލް 23 އާ ހަމައަށް 10,954 ބަލިމީހުން ވަނީ އާސަންދަ މެދުވެރިކޮށް ނަފްސާނީ ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން 8,000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލޭ ސަރަހައްދުންނެވެ.
"ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލައަކީ ދިވެހި މުޖުތަމަޢުގައި ބޮޑުވަމުން އަންނަ، އެހެންނަމަވެސް އެކަށީގެންވާ ފަރުވާގެ ނިޒާމު މިހާތަނަށް ޤާއިމުކުރެވިފައިނުވާ މައްސަލައެއް،" ރައީސް ވިދާޅުވިއެވެ.
ލ. ގަމުގައި ބޭރުގެ ލޯނު އެހީގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ އިޖުރާޢަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރޭގައި ހިމަނައިގެން މާލޭ ސަރަހައްދުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން މިހާރު ވަނީ ދެނެގަނެވިފައިކަމަށް ވެސް ވިދާޅުވިއެވެ.
ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި 14,000 އަކަފޫޓުގެ ސަރަހައްދެއްގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، ދައުލަތުގެ ބަޖެޓުން މާލޭގައި ހިންގާ މަޝްރޫއަށް ހަރަދުވާނީ އެއަށްވުރެ ކުޑަ އަދަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ހޮސްޕިޓަލްތައް ޤާއިމުކުރެވެންދެން މިހާރުން މިހާރަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ އެކި ސިއްޙީ މަރުކަޒުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ޤާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!