ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި ހަލުވިކަމާއެކު މުޅިދުނިޔެއަށް ފެތުރެމުންދާތީ، ރާއްޖެއަށްވެސް އެވައިރަސް އައުމުގެ ބިރު އޮތުމުން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުއްވި ސާކިޔުލާއެއްގައި ބުނީ ކޮވިޑް-19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ދަރިވަރުން ބަލިތަކުން ރައްކާތެރި ކުރުމަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޗްޕީއޭގެ ފަންނީ ލަފަޔާއެކު ކަރިކިޔުލަމުން ބޭރުން ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެއެވެ.

Ad
rt

މިއަދުން ފެށިގެން މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރު ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށްވެސް ސްކޫލްތަކަށް އެޑިޔުކެސަނުން އަންގާފައިވެއެވެ. އެގޮތުން އަމަލީ ދަތުރުތަކާއި ކުޅިވަރު މުބާރާތްތައް، ޕްރެކްޓިސްތައް، ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތައް އަދި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތައް އެމުއްދަތަށް މެދުކަނޑާލަން އެސަރކިއުލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސްކޫލު ފެއާތަކާއި އެކްޓިވިޓީ ކަލަންޑަރުގައި މާޗު މަހުން މެއި މަހުގެ ނިޔަލަށް ހިމަނާފައިވާ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.

އެޑިއުކޭޝަނުން ބުނީ ކޮވިޑް 19 ރާއްޖެ އައުމުގެ ފުރުސަތު ކުޑަކުރުމަށާއި އެ ބަލި ރާއްޖެއިން ފެނިއްޖެނަމަ ބަލި ކޮންޓްރޯލު ކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

ސާކިޔުލާގައި ފާހަގަކޮށްފައިވާގޮތުން ހިމަބިހިވެސް ރާއްޖޭގައި ފެތުރެމުންދާއިރު ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށްވެސް މި ބަލި ޖެހިފައިވެއެވެ. އިތުރު ހަރަކާތްތައް މެދުކަނޑާލި އަނެއް ސަބަބަކީ ހިމަބިހި ކޮންޓްރޯލު ކުރުންކަމަށް ސާކިޔުލާގައި ބުނެފައިވެ އެވެ.