ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފަހު މެޗުގައި ހަނިމާދޫ އާއި ދިއްދޫ މިއަދު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

މެޗަށް ނުކުތްއިރު ވެސް ފައިނަލް ކަށަވަރުވެފައިވާ މި ދެ ޓީމުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

Ad
rt

މުހިންމު ކުޅުންތެރިންތަކެއް ބެންޗުގައި ބައިތިއްބައިގެން ކުޅެން ނުކުތް ހަނިމާދޫ ވަނީ މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނިޓްގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ހަނިމާދޫ ޖޯޒީ ނަންބަރު 27 އުފާލް ޢަބުދުﷲ އެވެ. ހަނިމާދޫގެ ދެވަނަ ލަނޑު 23 ވަނަ މިނިޓްގައި ޖަހައިދިނީ ނާއިލް ޔޫސުފް އެވެ.

ހަނިމާދޫ ދެ ލަނޑުގެ ލީޑެއްގައި ކުޅެމުން ދަނިކޮށް ދެވަނަ ހާފުގެ 67 ވަނަ މިނިޓްގައި ދިއްދޫގެ ބިދޭސީ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހައިދީފައެވެ. މެޗުގެ ނަތީޖާ ހަމަހަމަވި ލަނޑު ދިއްދޫން ޖެހީ މެޗުގެ އިތުރު ވަގުތުގައި 91 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ އާދަމް ނަސީމް އެވެ.

ނޯތު ރީޖަން ލީގުގެ ކޮލިފައިން ދިއްދޫ ކުޅުދުއްފުއްޓާ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށްފައިވާއިރު، ހަނިމާދޫ އިން ކުޅުދުއްފުށި އަތުން މޮޅުވީ 3-0 އިންނެވެ.

ހަނިމާދޫ އާއި ދިއްދޫ ކުޅޭ ފައިނަލް އޮންނާނީ މިމަހުގެ 28 ވާ އަންގާރަ ދުހުއެވެ.