ބުދަ ދުވަހުގެ މުހުލަތު ހަމަވުމަށްފަހުވެސް، މިހާރު އޮތް 14 ދުވަހުގެ ސުލްހައިގެ އެއްބަސްވުން އިތުރުކުރުމަށް ވިސްނުމަށާއި، މަޝްވަރާއާއި ޑިޕްލޮމަސީއަށް ފުރުސަތެއް ދިނުމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު އަންގާރަ ދުވަހު އެމެރިކާއާއި އީރާނަށް ގޮވާލައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ދާރު މިހެން ވިދާޅުވީ އިސްލާމްއާބާދުގައި ހުންނަވާ އެމެރިކާގެ ޗާޖް ޑި އެފެއާޒް ނަޓާލީ ބޭކަރާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ދާރު ވަނީ ގޮންޖެހުންތަކުން އަރައިގަނެ، ސަރަހައްދީ ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް އޮތް "ހަމައެކަނި ހައްލަކީ" މަޝްވަރާއާއި ޑިޕްލޮމަސީ ކަމަށް ޕާކިސްތާނުން އަބަދުވެސް ބާރުއަޅާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސުލްހައިގެ އެއްބަސްވުން އިތުރުކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ބަޔާނުގައިވާ ގޮތުން، ސަރަހައްދީ ސުލްހަ ގާއިމުކުރުމަށާއި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނުން އަދާކުރާ ބިނާކުރުވަނިވި އަދި ހެޔޮ ދައުރު ވޮޝިންޓަނުން ބަލައިގަންނަކަން ބޭކަރް ވަނީ ހާމަކުރައްވާފައެވެ. މި ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކަށް ފަހުއެވެ. އޭގެ ރައްދުގައި ތެހެރާނުން ވަނީ އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި ސަރަހައްދީ އެހެން ގައުމުތަކަށް ހަމަލާދީފައެވެ.
އޭޕްރިލް 8 ވަނަ ދުވަހު 14 ދުވަހުގެ ސުލްހައިގެ އެއްބަސްވުމެއް މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ގާއިމުކުރުމަށްފަހު، އޭޕްރިލް 11 އިން 12 އަށް ޕާކިސްތާނުން ވަނީ އެމެރިކާއާއި އީރާނާ ދެމެދު ބޭއްވި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ވޮޝިންޓަން ގަޑިން ބުދަ ދުވަހުގެ އިރުއޮއްސޭ ވަގުތު (ރާއްޖޭގެ ގަޑިން މިރޭ މެންދަމުން އަނބުރާ 3:00ގައި) އެވެ. އިތުރު ބުރެއްގެ މަޝްވަރާތައް ބޭއްުމަށް މަސައްކަތް ކުރަމުންދާއިރު، ސަރަހައްދުގެ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިކަމާ ގުޅޭގޮތުން ހަރުކަށި މޭރުމަކުން ވާހަކަދައްކާފައެވެ. ޓްރަމްޕް ބުނީ ސުލްހައިގެ އެއްބަސްވުން އިތުރުކުރުމަކީ "ވަރަށް ނާދިރު" ކަމެއް ކަމަށާއި، އެއްބަސްވުމަކަށް އާދެވެންދެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!