ހއ. އުތީމު، "އުތީމު އަލިގަދަ ތަރި 1447" ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ މަރްޔަމް އަނާޔާ ހަބީބް، ބައިރަހާ/ހއ. އުތީމު ހޯދައިފިއެވެ.
އުތީމު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތްތައް ބާއްވަމުން އަންނަނީ އުތީމް ކައުންސިލާއި އެރަށު ވިންގާރސް ޖަމިއްޔާ ގުޅިގެންނެވެ.
މި މަހުގެ 9 އިން 11 އަށް ކުރިއަށް ގެންދިޔަ މި އަހަރުގެ މުބާރާތުގައި 50 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައި ވެއެވެ.
މި މުބާރާތުގެ އެއްވަނަ އަނާޔާ ހޯދިއިރު، މިއީ އަނާޔާ މި މުބާރާތުގެ އެއްވަނަ ހާސިލްކުރި ދެވަނަ ފަހަރެވެ. މި މުބާރާތުގެ ދެވަނަ ހޯދީ އައިމިނަތު އައިޝާން ޢަބުދުﷲ، މަލަ/ހއ. އުތީމު އެވެ. އަދި ތިން ވަނަ ހޯދީ އަހްމަދު ޝިއާފް ޝުޖާއު، ފިނިވާގެ/ހއ. އުތީމު އެވެ.
އަލިގަދަ ތަރީގެ މަގާމު ދިފާއުކުރި އަނާޔާ، ފޮޓޯ: ވިންގާރސް
މި މުބާރާތާއި ގުޅިގެން ''ތިލަދުން'' އާއި ވާހަކަ ދައްކަވަމުން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވީ މިއީ، އުތީމު ކައުންސިލްގެ 10 ވަނަ ޤުރްއާން މުބާރާތް ކަމަށެވެ. އަދި މި މުބާރާތް ބޭއްވުމަށް އެރަށުގެ ރައްޔިތުން ޚާއްޞަކޮށް ވިންގާރސް ޖަމިއްޔާއިން ދޭ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.
''އަޅުގަނޑުމެން ކައުންސިލްގެ އިލްތިމާސަކީ ރަށުގައި ޤުރްއާނުގެ ފެންވަރު ރަނގަޅުކުރުމަށް އެންމެން އައު ބާރެއް ލައިގެން މަސައްކަތް ކުރުމަށް، ޚާއްޞަކޮށް ބެލެނިވެރިން މިކަމަށް މިހާރުވެސް ދެއްވާ ސަމާލުކަމަށްވުރެ ސަމާލުކަން އިތުރުކުރުމަށް'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
މުބާރާތުގެ ގަދަ ދިހައެއް، ފޮޓޯ: ވިންގާރސް
"އުތީމު އެންމެ އަލިގަދަ ތަރި 1447" ޤުރުއާން މުބާރާތް ނިންމުމަށް ހޮނިހިރު ދުވަހު އުތީމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގެވެ.
މިއަހަރުގެ މުބާރާތް ވެސް ފުރިހަމަ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ކައުންސިލާއި ގުޅިގެން އުތީމު ވިންގާރސް ޖަމިއްޔާއިން ވަނީ ފުރިހަމަ ބުރަ މަސައްކަތެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!