އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، ދެކުނު ކޮރެއާއަކީ އެ ގައުމުގެ "އެންމެ ދުޝްމަން ގައުމު" ކަމަށް ކަނޑައަޅައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ.
ކިމް މިކަން އިޢުލާންކުރެއްވީ އެ ގައުމުގެ 15 ވަނަ ސުޕްރީމް ޕީޕަލްސް އެސެމްބްލީގައި ހޯމަ ދުވަހު ދެއްވި ތަގްރީރުގައެވެ.
މި ނިންމުމަކީ 2024 ވަނަ އަހަރުގެ ކުރީކޮޅު ފެށުނު މަރުހަލާއެއްގެ އެންމެ ފަހު ގާނޫނީ ފިޔަވަޅެވެ. މިއާއެކު ދެ ކޮރެއާގެ ދެމެދުގައި އެތައް އަހަރެއް ވަންދެން އޮތް "ޚާއްސަ ގުޅުން" ނިމުމަކަށް އައިސް، އެ ގުޅުމުގެ ބަދަލުގައި ދާއިމީ، ގާނޫނީ ދުޝްމަންކަމުގެ ހާލަތެއް ވަނީ ގާއިމުވެފައެވެ.
ޕިއޮންގްޔަންގްގައި އަލަށް އިންތިޚާބުވި ޕާލަމެންޓާ މުޚާތަބު ކުރައްވަމުން ކިމް ވިދާޅުވީ ދެކުނު ކޮރެއާއަކީ "އެންމެ ދުޝްމަން ދައުލަތް" އަދި "ފުރިހަމަ ދުޝްމަނެއް" ކަމަށެވެ.
ގާނޫނުއަސާސީއަށް ގެނެވުނު ބަދަލުތައް
ސުޕްރީމް ޕީޕަލްސް އެސެމްބްލީގެ ސެޝަން ނިންމާލާފައިވަނީ އިސްލާހުކުރެވުނު ގާނޫނުއަސާސީއެއް ފާސްކުރުމަށްފަހުއެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މި ބަދަލުތަކުގެ ދަށުން ދެކުނު ކޮރެއާއަކީ ދާއިމީ ދުޝްމަނެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައެޅި، "ސުލްހަވެރިކަމާއެކު އަލުން ގުޅުން" ފަދަ އިބާރާތްތައް ވަނީ އުނިކޮށްފައެވެ. މީގެ އިތުރުން، އުތުރު ކޮރެއާގެ ސަރަހައްދު މާނަކުރާ ގޮތް ބަދަލުކޮށް، މިހާރުގެ ބޯޑަރުތަކާ މެދު ސުވާލު އުފައްދާފައިވެއެވެ.
ދެކުނު ކޮރެއާއަކީ "އެއްބަނޑުއެއްކަޗެއް" ނުވަތަ "އެއް ނަސްލެއްގެ ބައެއް" ކަމަށް ބެލެވޭ ބައިން ދާއިމީކޮށް އުނިކޮށްފައިވާ ކަމަށް ކިމް ވިދާޅުވިއެވެ. މިއީ މީގެ ކުރިން ދެ ކޮރެއާގެ ދެމެދުގައި އޮތް ހަމަނުޖެހުންތަކަކީ އާއިލީ ކަމެއްގެ ގޮތުގައި ސިފަކުރުމަށް ބޭނުންކުރި ފިކުރީ އައްޑަނަ ނައްތާލުމެކެވެ. ކިމް އިންޒާރު ދެއްވި ގޮތުގައި އެއްވެސް ކަހަލަ ކުރިމަތިލުމަކަށް ހިތްވަރުދީފިނަމަ "ރަހުމެއްނެތް ނަތީޖާތަކަކާ" ކުރިމަތިލާންޖެހޭނެއެވެ.
ބައިނަލްއަގުވާމީ މަސްރަހާއި ގުޅުންތައް
މި ބަދަލަކީ ދެ ކޮރެއާގެ އެއްބާރުލުމަށް މަސައްކަތްކުރާ މައިގަނޑު ތިން އިދާރާއެއް އުވާލުމަށްފަހު އައި ބަދަލެކެވެ. އޭގެ ތެރޭގައި ގައުމު ސުލްހަވެރިކަމާއެކު އަލުން ގުޅުވުމާބެހޭ ކޮމިޓީއާއި، އިގްތިސާދީ އެއްބާރުލުމާބެހޭ ބިއުރޯ ހިމެނެއެވެ.
ކިމްގެ ތަގުރީރުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް އިޝާރާތްކުރައްވައި، އެމެރިކާއަކީ "ދައުލަތުގެ ޓެރަރިޒަމް" ހިންގާ ގައުމެއްގެ ގޮތުގައި ތުހުމަތު ކުރެއްވިއެވެ. އުތުރު ކޮރެއާއަކީ "އިސްތިއުމާރާ ދެކޮޅު ފްރަންޓެއްގެ" ބައެއްގެ ގޮތުގައި ދައްކުވައިދީ، ރަޝިޔާ އަދި އީރާނާއެކު ދުނިޔޭގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޕިއޮންގްޔަންގް އޭނާ ވަނީ ސިފަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކިމް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސީދާ ފާޑުވިދާޅުވުމުން ދުރުހެލިވެފައެވެ. އެމެރިކާއިން އެގައުމުގެ "ދުޝްމަން ސިޔާސަތު" ދޫކޮށްލައި، އުތުރު ކޮރެއާއަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ބަލައިގެންފިނަމަ، "ސުލްހަވެރިކަމާއެކު އެކުގައި އުޅުމުގެ" ފުރުސަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކުރިމަގުގެ މަޝްވަރާތަކުގައި ބޭނުންކުރުމަށް އޭނާ ގެންގުޅުއްވާ އުކުޅެއް ކަމަށް ބެލެވެއެވެ.
މި މަޖިލިސް ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން، މާރިޗު 14 ގައި، ކިމް ވަނީ 600 އެމް.އެމް ގެ މަލްޓިޕަލް ރޮކެޓް ލޯންޗަރުތައް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނުތައް ސީދާ ބައްލަވާލައްވާފައެވެ. އުތުރު ކޮރެއާއިން ބުނާ ގޮތުގައި މިއީ ސީދާ ދެކުނު ކޮރެއާގެ އަމާޒުތަކަށް ހަމަލާދެވޭނެ ފަދަ ނިއުކްލިއާ ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެވެ.
ކިމް ޖޮންގް އުން ވިދާޅުވީ އުތުރު ކޮރެއާއަކީ ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ދައުލަތެއްގެ ގޮތުގައި އޮތް އޮތުމަކީ ބަދަލުނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި އުތުރު ކޮރެއާއިން ދެން ސޯލްއަށް މުޅިން އިންކާރުކޮށް، އެ ގައުމާ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!