ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ފިޔަވެއްސަކަށް ބަހާލައިގެން ނެޝަނަލް އޮއިލް ރިޒަރވެއް ގާއިމުކުރުމުގެ ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ކޮންމެ ދުވަހަކުވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، އެކަން ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރާނެ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އޮއިލް ރިޒަރވް ގާއިމުކުރުން

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ތިން ފިޔަވެއްސަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ފިޔަވެއްސެއް ދޮޅު އަހަރު ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މި ރިޒަރވްގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުފަދަ މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް މިއީ މާލީ ފަންޑެއްގެ ބަދަލުގައި ތެލުގެ ރިޒަރވެއްގެ ގޮތުގައި ބެލެހެއްޓޭނެ ނިޒާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު، ރާއްޖޭގެ އިގުތިސޯދު އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓޭނެ ގޮތްތައް ސަރުކާރުން ހޯދަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އަދި ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހަކު މިކަމާގުޅޭ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވަމުން ގެންދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.