ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
އަންނަ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އާއި ވަކީލް އިބްރާހިމް ޝިޔާމާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ، އެ ސުވާލު ހިމެނޭ ގޮތަށް ފެންނަ ނުފެންނަ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.
ކުރީގެ މެމްބަރު އަލީ ހުސެއިން ހުށަހެޅުއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ.
ސުޕްރީމް ކޯޓުން މިހާރު ވަނީ އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަތުމަށް ނިންމިކަން އަންގައިފަ އެވެ. ނަމަވެސް އަލީ ހުސައިން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމިކަމެއް އަދި އަންގާފައެއް ނުވެ އެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!