އިސްރާއީލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވިގޮތުގައި މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދައެވެ. އަދި އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާގޮތަށް ހަމަލާދިނުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމަށް ވިދާޅުވެ، މިހާރުން މިހާރަށްވެސް ހަމަލާތައް ހުއްޓާލުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

އިސްރާއީލާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ދިވެހި ސަރުކާރާއި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށެވެ. އަދި އެތައް ޒަމާނެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކުރަމުން އައި ނިކަމެތިކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް މަޢާފުކުރާނޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމެރިކާ އާއި އިސްރާއީލު ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދޭނެކަމުގެ ޔަގީންކަންވެސް ސަރުކާރުން އިއްޔެ ވެސް ވަނީ ތަކުރާރުކޮށްފައެވެ.

28 ގައި އެމެރިކާ އާއި އިސްރާއީލުން އިސްވެ ވަނީ އީރާނަށް ހަމަލާދީ ހަނގުރާމަ ފަށާފައެވެ. އެ ހަނގުރާމާގައި އީރާނުގެ އެއިރުގެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ފުރަތަމަ ހަމަލާތަކުގައި އަވަހާރަކޮށްލާފައެވެ. އެއިގެ ފަހުން މާރިޗު 17 ގައި ފަރުދީސްގައި ދިން ސީދާ ހަމަލާއެއްގައި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަދި މޮސްކޯއާ ގާތް ގުޅުމެއް އޮންނަ ޑިޕްލޮމެޓް އަލީ ލަރީޖާނީ ވަނީ އަވަހާރަކޮށްލާފައެވެ. އަދި މާރިޗު 18 ގައި އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަތީބު، އޭނާގެ ހެޑްކުއާޓަރަށް ދިން ހަމަލާއެއްގައި ވަނީ އަވަހާރަކޮށްލާފައެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އީރާނާއި އިސްރާއީލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައެވެ.