މަތީ ތައުލީމު އުނގެނުމަށް ބޭނުންވާ ދަރިވަރުންނަށް ސަރުކާރުގެ ފަރާތުން ދެމުންދާ ލޯން ސްކީމާއި، ފުރަތަމަ ޑިގްރީ ސްކީމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލަވުމެއް ކުޅުދުއްފުށީ ސިޓީގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި، ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 2030 ގައި ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައިއެވެ.
All are invited to the Information Session by @MoHEmv & @KFcouncilmv on free Degree Scholarships, Student loan scheme & other Scholarships opportunities for those pursuing higher education.
Venue: @HDhAEC Hall
Date: 28th February 2020
Time: 20:30hrs. pic.twitter.com/yCRoi6WIYK— Kulhudhuffushi City Council (@kfcitycouncil) February 27, 2020
ހަޔަ އެޑިއުކޭޝަން މިނިސްޓްރީއިން މިމަހުގެ 17 ވަނަ ދުވަހު، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ލޯން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
އެދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް މިފަހަރު ހުޅުވާލީ 550 ފުރުސަތު ކަމަށެވެ. އެކަމަށް އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އެއަށްފަހު ލޯނަށް ހޮވޭ ދަރިވަރުން، އަންނަ އޭޕްރީލް 20 ވަނަ ދުވަހުގެ ކުރިން އިއުލާނުކުރާނެ އެވެ.
މިފަހަރުގެ ލޯން ސްކީމްގައި މުޅިން އަލަށް އިތުރު ކެޓެގަރީ އެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް (ދާއިރާތަކަށް) ނިސްބަތްވާ ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވެއެވެ. މި ކެޓެގަރީގެ ބޭނުމަކީ މިއަދުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ދޭ އަހައްމިއްޔަތާއެކު ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަރިވަރުންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން މަތީ ތައުލީމަށް ފުރުސަތު ލިބި، އެ ސަރަހައްދެއްގެ ރަށްތަކުގައި ޚިދުމަތްކުރާނެ މީހުން ބިނާކުރުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު މަތީ ތައުލީމުގެ ލޯނަށް ހުޅުވާލި ފުރަތަމަ ބުރުގައި، އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖަހައި ހުށަހަޅާފައިވަނީ ވަރަށް މަދު ދަރިވަރުންގެ ސެޓްފިކެޓުތަކެކެވެ. އެހެންވެ އެ ފަހަރު ގިނަ ދަރިވަރުންތަކެއްގެ ފޯމު ވަނީ ބާތިލްވެފަ އެވެ. ނަމަވެސް މިފަހަރު އުސޫލަށް ގެނައި ބަދަލާ އެކު، ލޯނަށް އެދޭއިރު ސެޓްފިކެޓުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ލޯނަށް އެދި ފޯމު ހުށަޙަޅަންޖެހޭނީ އެކަމަށް ހަޔަ އެޑިއުކޭޝަނުން ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިނިސްޓަރު ވިދާޅުވީ އެ ޕޯޓަލް ވެސް ދަރިވަރުންނަށް ފަސޭހަވާނެ ގޮތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ކަންތައްތަކާ އެކު، މިފަހަރުގެ ލޯނަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފަހިވެގެންދާނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ބުރަށް 151 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މިދިޔަ އަހަރު ހުޅުވާލި ތިން ބުރުގެ ޖާގަތަކަށް، މުޅި ޖުމްލަ 140 މިލިއަން ރުފިޔާ ހަރަދުކުރި ކަން ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!