އީރާނުގެ ސްކޫލަކަށް އަމާޒުކޮށް ދިން ނުރައްކާތެރި މިސައިލް ހަމަލާއެއްގައި ޝަހީދުވި ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން 200,000 އެމެރިކާ ޑޮލަރު ހަދިޔާކުރަން ނިންމާފައިވާކަން ޗައިނާ ސަރުކާރުން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ.

މި ހަމަލާއަކީ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި އަސްކަރީ ހަނގުރާމައިގެ ތެރެއިން، ވަކި ފަރާތަކަށް ބެލުމެއްނެތް ގޮތަށް އީރާނުގެ ސްކޫލަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެކެވެ.

Ad
rt

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އީރާނުގެ ދެކުނުގެ މިނާބް ކައުންޓީގައި ހުންނަ އަންހެން ކުދިންގެ އިބްތިދާއީ ސްކޫލަކަށް "ޓޮމަހޯކް ކްރޫޒް" މިސައިލުން ދެ ފަހަރެއްގެ މަތިން ވަނީ ހަމަލާދީފައެވެ.

މި ބިރުވެރި ހަމަލާތަކުގައި ޖުމްލަ 175 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 165 އަންހެން ދަރިވަރުން ހިމެނެއެވެ. މި ހަމަލާގެ ސަބަބުން މުޅި ސްކޫލް ބިމާ ހަމަވެ، ގިނަ އަދަދެއްގެ ކުދިންނާއި މުދައްރިސުން ވަނީ އިމާރާތުގެ ދަށުވެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ޗައިނާގެ ރެޑް ކްރޮސް ސޮސައިޓީން މި 200,000 ޑޮލަރުގެ ކުއްލި އިންސާނީ އެހީ ފޯރުކޮށްދޭނީ އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީ މެދުވެރިކޮށެވެ. މި އެހީއަކީ ހާއްސަކޮށް ޝަހީދުވި ދަރިވަރުންގެ ބެލެނިވެރިންނަށް ތައުޒިޔާ ކިޔުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ދެވޭ އެހީއެކެވެ.

މިކަމާ ގުޅޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއަކުން ވިދާޅުވީ، ސްކޫލްތަކާއި ކުޑަކުދިންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިއީ އިންސާނީ އަޚްލާގާއި އިންސާފުގެ އެންމެ ދަށް ފަންތީގެ މިންގަނޑުތަކުން ވެސް ބޭރުވެފައިވާ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މި ދަތި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، އިންސާނިއްޔަތުކަމުގެ ރޫހެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އޮތީ ތައްޔާރަށް،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ގުއޯ ވިދާޅުވިއެވެ.