"ވެށިފަހި މާލެ ޕްރޮގްރާމް"ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން މާލެއާއި ވިލިނގިލިން ޖުމްލަ 48 ބިމެއް ގަތުމުގެ ފުރުސަތު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، މި ބިންތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2011 ވަނަ އަހަރު ހިންގި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ނަގާފައިވާ ބިންތަކުގެ ތެރެއިންނެވެ.
މި ބިންތައް ގަތުމުގެ ފުރުސަތު ހާއްސަކޮށްފައިވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި، އަދި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މި ބިންތައް ވިއްކުމުގައި އަމަލުކުރުމަށް ހަމަޖެހިފައިވަނީ 28 ޖޫން 2021 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" ގެ ދަށުންނެވެ.
މި ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެއެވެ. މި ތަކެތި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 08 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ބިން ގަތުމަށް އެދޭ އެޕްލިކޭޝަން ފޯމާއި، ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ޗާޓު 08 ނޮވެންބަރު 2026 އިން ފެށިގެން މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އެ ވުޒާރާގެ ރަސްމީ ވެބްސައިޓް ކަމަށްވާ infrastructure.gov.mv އިން ވެސް މި ލިޔެކިޔުންތައް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!