އީރާނު ކައިރީގައި މަޑުކޮށްގެން އޮތް ތުރުކީގެ ކުންފުންޏަކަށް ނިސްބަތްވާ އުޅަނދަކަށް، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ތެހެރާނުގެ ކަމާބެހޭ ފަރާތްތަކުން ދީފައިވާ ކަމަށް ތުރުކީގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުލްގާދިރު އުރަލޯގްލޫ ވިދާޅުވެއްޖެއެވެ.
ތުރުކީގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އުރަލޯގްލޫ ވިދާޅުވީ، އެ ސަރަހައްދުގައި އޮތް ތުރުކީގެ 15 އުޅަނދުގެ ތެރެއިން ދަތުރުކުރުމުގެ ހުއްދަ ލިބިފައިވަނީ 'ރޮޒާނާ' ނަމަކަށް ކިޔާ އުޅަނދަކަށް ކަމަށެވެ. މި އުޅަނދަކީ އީރާނުގެ ބަނދަރެއް ބޭނުންކުރި އުޅަނދެއް ކަމަށާއި، ހުއްދަ ލިބުމާއެކު އެ އުޅަނދު މިހާރު ފުރާފައިވާ ކަމަށްވެސް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ހޯރްމޫޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދަށް ތުރުކީން މިހާރު ވަނީ ސަލާމަތީ އެންމެ މަތީ ދަރަޖައިގެ އެލާޓް ނެރެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި މަޑުކޮށްގެން ތިބި ތުރުކީގެ އެހެން އުޅަނދުތަކުގެ ސަލާމަތާ ގުޅޭގޮތުން އީރާނުގެ އޮފިޝަލުންނާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ. އެ ސަރަހައްދުގައި ތިބި ތުރުކީގެ އުޅަނދުތަކުގައި ޖުމްލަ 171 ފަޅުވެރިން އެބަތިއްބެވެ. މީގެ ތެރޭގައި ފަސިންޖަރުންނާއެކު މަޑުކޮށްގެން ތިބި ހަ ކްރޫޒް ލައިނަރުވެސް ހިމެނެއެވެ.
ބުދަ ދުވަހު ވެރިކަންކުރާ އޭކޭ ޕާޓީގެ ބައްދަލުވުމެއްގެ ކުރިން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެމީހުންނަށް އޮތް ހަމައެކަނި ދަތިކަމަކީ އެ ސަރަހައްދުގައި މަޑުކުރަން ޖެހުން ކަމަށެވެ. އެމީހުންގެ އަސާސީ ބޭނުންތައް ފުއްދުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާލަތު މެދުވެރިވެފައިވަނީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ހުއްޓިފައިވާތީއެވެ. އީރާނުން މި ކަނޑުއޮޅި ބަންދުކުރީ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ. އާންމުގޮތެއްގައި ދުވާލަކު 20 މިލިއަން ފީފާގެ ތެޔޮ މި މަގުން އުފުލާއިރު، މިއީ ދުނިޔޭގެ ގުދުރަތީ ގޭހުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ މަގެކެވެ.
އީރާނުގެ އާ އިސް ލީޑަރު މުޖުތަބާ ޚާމަނާއީ، ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި އިންޒާރުގައި ވިދާޅުވީ، އެމެރިކާއާ ދެކޮޅަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުން ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ދެއްވައި، އެ ތަންތަން ވީ އެންމެ އަވަހަކަށް ބަންދުކުރުމަށް އޭނާ ވަނީ ލަފާދެއްވާފައެވެ. މީގެ އިތުރުން މި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ބަދަލު ހިފާނެ ކަމަށްވެސް އީރާނުގެ ލީޑަރު ވަނީ ވައުދުވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!