އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 13 ވާ ހުކުރު ދުވަހުގެ ހަވީރު 16:41 އެހާކަންހާއިރު ކަމަށެވެ.

Ad
rt

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީއެއް ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ. ނަމަވެސް، އެއީ ކޮން ގައުމެއްގެ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ މި މަރުގެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އިތުރަށް ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ވަނީ މާލޭގެ ގެއަކުން ވެސް މަރުވެފައި އޮތް މީހަކު ފެނިފައެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ ސ. ހުޅުދޫ، ތޯތާޕަރީ، މުޙައްމަދު ނިޒާރު (54އ) އެވެ.

ފުލުހުން ބުނި ގޮތުގައި، މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ހިންގި ތަހުގީގަށް ފާހަގަކުރެވިފައެއް ނުވެއެވެ.