މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރު ރާސްތާ އަދި ދުރު ރާސްތާގެ ފިޔަވަޅުތައް އަޅަމުންދާކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދީ އަދި ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެމުންދާ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބުރޫ ނޭރުވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކާބޯތަކެއްޗާއި، ތެލާއި އަދި ގޭސް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި، ސަޕްލައި ޗެއިން ސިންދަފާތުކުރުން ނުވަތަ އެކި ދިމަދިމާލުން ތަކެތި ލިބޭނެ މަގުތައް ފަހިކުރުން ހިމެނެއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ސަރަހައްދުގައި ހުރި ރާއްޖޭގެ އެމްބަސީތަކުން ޚާއްޞަ ހޮޓްލައިންތަކެއް މިހާރު ވަނީ ޤާއިމްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު ގަވާއިދުން ބަލައި، ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމެވެ.

ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަރުކާރުން ވަނީ ވަރަށް މުހިންމު ޔަޤީންކަމެއް ދީފައެވެ. އެއީ އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމުގެ ޔަޤީންކަމެވެ. އަދި ވައިގެ ދަތުރުފަތުރަށް ކުރިމަތިވެދާނެ ހުރަސްތަކުން އަރައިގަތުމަށްޓަކައި އާ ރޫޓްތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ދަނޑިވަޅުގައި ބައިނަލްއަޤުވާމީ ފަރާތްތަކާއެކު އޮންނަ ޚާރިޖީ ގުޅުންތައް ވަރުގަދަކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ލޮޅުންތަކުން ރާއްޖެއަށް ކުރާނެ އަސަރު ކުޑަކުރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.