ސިކުންތަކު 100 މީޓަރުގެ ބާރުމިނުގައި ދަތުރުކުރާ ކަނޑުއަޑީގެ މިސައިލް ބޭނުންކުރުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހާމަކޮށްފިއެވެ.
މި ޓެކްނޮލޮޖީއަކީ ދުނިޔޭގައި ހަމައެކަނި ރަޝިޔާ އާއި އީރާން އަތުގައި އޮތް ވަރުގަދަ ހަތިޔާރެއް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
އައި.އާރު.ޖީ.ސީ ގެ ކޮމާންޑަރ-އިން-ޗީފްގެ ސީނިއާ އެޑްވައިޒަރު ރިއަރ އެޑްމިރަލް އަލީ ފަދަވީ ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުގެ ކަނޑުގެ ހަތިޔާރުގެ ތެރޭގައި ސިކުންތަކު 100 މީޓަރު (ގާތްގަނޑަކަށް ގަޑިއަކު 360 ކިލޯމީޓަރު) ބާރުމިނުގައި ދަތުރުކުރާ ކަނޑުއަޑީގެ މިސައިލް ހިމެނޭ ކަމަށެވެ. މިއީ "ސުޕަރކެވިޓޭޓިންގ ޓޯޕިޑޯ" ޓެކްނޮލޮޖީއަށް ބިނާކޮށް އުފައްދާފައިވާ އީރާނުގެ "ހޫތު" ޓޯޕިޑޯއަށް އިޝާރާތްކޮށް ދެއްވި ބަޔާނެކެވެ.
ރަޝިޔާގެ VA-111 Shkval އާ އެއްފަދަ މި ޓެކްނޮލޮޖީއަކީ އެމެރިކާއިން ދިރާސާކުރި ނަމަވެސް، އަދި މިހާތަނަށް އާންމުކޮށް ބޭނުންކުރަން ފަށާފައިވާ ހަތިޔާރެއް ނޫނެވެ. މިފަދަ ބާރުމިނެއްގައި ދަތުރުކުރާ ހަތިޔާރުތަކުން ސަލާމަތްވުމަކީ އާންމު އެންޓި-ޓޯޕިޑޯ ދިފާއީ ނިޒާމުތަކަށް ނުހަނު އުނދަގޫ ކަމެކެވެ. މިކަން ހާމަކުރުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާގެ މަނަވަރުތައް ފާރިސް ކަނޑުއޮޅީގެ ތިލަ ސަރަހައްދުތަކަށް ވަނުން ހުއްޓުވުން ކަމަށް ބެލެވެއެވެ.
އީރާނުގެ އަސްކަރީ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ސަރަހައްދު އޮތީ ފުރިހަމަ ސަރަހައްދީ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށެވެ.
"އަދިވެސް އަހަރެމެންގެ އަތުގައި ބޭނުންކުރެވޭނެ ގިނަ އުކުޅުތަކެއް (cards) އެބަހުރި" ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި އެމެރިކާއިން "ސްޓްރެޓީޖިކް ގޯހެއް" ހަދައިފިނަމަ، ހޯރްމޫޒް ކަނޑުއޮޅީގެ އިތުރުން ދެވަނަ ކަނޑުއޮޅިއެއް (ބާބުލް މަންދަބު) ބަންދުކޮށްފާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މިފަދަ ވިލަރެސްކުރެވިފައިވާ ހަމަލާތަކުގެ ތެރޭގައި ޔަމަނުގެ ހޫތީން މެދުވެރިކޮށް ރަތްކަނޑުގެ މަގު ބަންދުކުރުން ހިމެނެއެވެ. މީގެ ސަބަބުން މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ވިޔަފާރިތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. މި ބަޔާންތަކަކީ މިވަގުތު ސަރަހައްދުގައި އޮތް އެމެރިކާ އާއި އިސްރާއީލުގެ ކަނޑުގެ ފައުޖުތަކާ ކުރިމަތިލުމަށް އީރާނުން އެގައުމުގެ "އެސިމެޓްރިކް" ކަނޑުގެ ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ހަނގުރާމައިގެ ދެވަނަ ހަފުތާއަށް ދާއިރު، އީރާނުން މިފަދަ ވަރުގަދަ އިންޒާރުތަކެއް ދެމުންދަނީ އެގައުމުގެ ސަރުކާރު އަދިވެސް އޮތީ ސާބިތުކަމާއެކު ބަދަހިކޮށްކަން ދެއްކުމުގެ ގޮތުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!