އަންނަ ފީފާ ވޯލްޑް ކަޕްގައި އީރާނަށް ބައިވެރިނުވެވޭނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔާމާލީ ވިދާޅުވެއްޖެއެވެ.
"މި ފަސާދަވެފައިވާ ނިޒާމުން [އެމެރިކާ] އަޅުގަނޑުމެންގެ ލީޑަރު އަވަހާރަކޮށްލާފައިވާތީ، އެއްވެސް ހާލަތެއްގައި އަޅުގަނޑުމެންނަށް ވޯލްޑް ކަޕްގައި ބައިވެރިއެއް ނުވެވޭނެ،" ބުދަ ދުވަހު ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް 1,255 މީހުން މަރުވެ، 12,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ތެހެރާނުން ވަނީ މީގެ ރައްދުގައި އިސްރާއީލަށާއި، މެދުއިރުމަތީގައި އެމެރިކާ ސިފައިން ހަރަކާތްތެރިވާ އަސްކަރީ މަރުކަޒުތަކަށާއި ސަރަހައްދުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.
"އަޅުގަނޑުމެންގެ ދަރިންނަކަށް ރައްކާތެރިކަމެއް ނެތް، އަދި އަސާސީ ގޮތުން ބަލާއިރު، [މުބާރާތުގައި] ބައިވެރިވުމުގެ އެފަދަ މާހައުލެއް ނެތް،" ދުންޔާމާލީ ވިދާޅުވިއެވެ.
"އީރާނާ ދެކޮޅަށް އެމީހުން ހިންގާފައިވާ ނުބައި އަމަލުތަކަށް ބަލާއިރު، އަށް ނުވަ މަސް ދުވަހުގެ ތެރޭގައި ދެ ހަނގުރާމައެއް އަޅުގަނޑުމެންގެ މައްޗަށް ވަނީ މަޖުބޫރުކޮށްފައި. އަދި އަޅުގަނޑުމެންގެ އެތައް ހާސް ރައްޔިތުންނެއް ވަނީ މަރާލައި ޝަހީދުކޮށްލާފައި. އެހެންކަމުން، ޔަގީނުންވެސް އަޅުގަނޑުމެންނަށް އެފަދަ ބައިވެރިވުމެއް ނޯންނާނެ." އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.
މިއީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، ބައިނަލްއަގުވާމީ މުބާރާތުގައި އެ ގައުމުން ބައިވެރިވުމާ ބެހޭގޮތުން އީރާނު ސަރުކާރުގެ އިސް އޮފިޝަލަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
އީރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މިދިޔަ ހަފުތާގައި އެ ގައުމުގެ ޓީމު ބައިވެރިވުމާ މެދު ޝައްކު އުފެއްދެވި ނަމަވެސް، މުބާރާތް ބޮއިކޮޓް ކުރާނެ ކަމަކަށް ވިދާޅެއް ނުވެއެވެ.
"މި ހަމަލާއަށްފަހު [އީރާނަށް ދިން ހަމަލާ]، އުންމީދާއެކު ވޯލްޑް ކަޕަށް އިންތިޒާރު ކުރާނެ ކަމަށް އަޅުގަނޑުމެންގެ ކިބައިން އުންމީދުކޮށްގެން ނުވާނެ،" އިސްލާމިކް ރިޕަބްލިކް އޮފް އީރާން ފުޓްބޯޅަ ފެޑަރޭޝަން (އެފްއެފްއައިއާރުއައި) ގެ ރައީސް މަހްދީ ތާޖް މާޗް 1 ވަނަ ދުވަހު ވިދާޅުވިއެވެ.
"ވޯލްޑް ކަޕްގެ ކަންތައްތައް މިހެން ހުރިނަމަ، ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު އެމީހެއްގެ ގައުމީ ޓީމު މިފަދަ ތަނަކަށް ފޮނުވާނީ ކީއްކުރަން؟" އީރާނުގެ ދައުލަތުގެ ޓީވީގައި ތާޖް ސުވާލު ކުރެއްވިއެވެ.
މީގެ ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ކުރިއަށް އޮތް މުބާރާތާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިއިރު، އީރާނުން ވޯލްޑް ކަޕްގައި ބައިވެރިވުމަށް ޓްރަމްޕް މަރުހަބާ ވިދާޅުވާނެ ކަމަށެވެ.
އިންފަންޓީނޯ ބުދަ ދުވަހު ވިދާޅުވީ، ޖޫން އަދި ޖުލައި މަހު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގައި އީރާނު ޓީމުން ވާދަކުރުމަށް މަރުހަބާ ކިޔާނެ ކަމަށް ޓްރަމްޕް "ތަކުރާރުކޮށް ވިދާޅުވި" ކަމަށެވެ.
މުބާރާތުގެ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި "އަޅުގަނޑުމެން އީރާނުގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވެސް ވާހަކަ ދެއްކިން،" ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ވެރިޔާ އިންފަންޓީނޯ އިންސްޓަގްރާމްގައި ލިޔުއްވާފައިވެއެވެ.
"މަޝްވަރާތަކުގެ ތެރޭގައި، އެމެރިކާގައި ބާއްވާ މުބާރާތުގައި އީރާނު ޓީމުން ވާދަކުރުމަށް، ހަމަޔަގީނުންވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި،" އޭނާ ލިޔުއްވާފައިވެއެވެ.
ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމަކީ އީރާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!