އީރާނުގެ ރޫޙާނީ ލީޑަރުގެ މަޤާމަށް މުޖްތަބާ ޚާމަނާއީ އައްޔަންކުރެއްވުމާ ގުޅިގެން، އޮމާންގެ ސުލްޠާން ހައިޘަމް ބިން ޠާރިޤް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މިއަދު، 9 މާރިޗު 2026 ގައި ފޮނުއްވި މި ރަސްމީ މެސެޖުގައި، ސުލްޠާން ހައިޘަމް ވަނީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ތިންވަނަ ރޫޙާނީ ލީޑަރުގެ ގޮތުގައި މުޖްތަބާ ޚާމަނާއީ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ފޮނުއްވާފައެވެ. ސުލްޠާންގެ މެސެޖުގައި، މުޖްތަބާގެ އާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، އީރާނަށް އިތުރު ކުރިއެރުމާއި، ތަރައްޤީ އަދި ހަމަޖެހުމަށް އެދިވަޑައިގެންފައިވެއެވެ.

Ad
rt

މެދުއިރުމަތީގެ ސަރަޙައްދީ މައްސަލަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޤައުމެއްގެ ހައިސިއްޔަތުން އޮމާނުން ފޮނުއްވި މި މެސެޖަކީ ޑިޕްލޮމެޓިކް ގޮތުން ނުހަނު މުހިންމު މެސެޖެކެވެ. ޚާއްޞަކޮށް، އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން ހަނގުރާމަ ހިނގަމުންދާ ނާޒުކު ދަނޑިވަޅެއްގައި މިފަދަ މެސެޖެއް ފޮނުއްވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

އީރާނުގެ "އެސެމްބްލީ އޮފް އެކްސްޕަރޓްސް" އިން ބޭއްވި ކުއްލި ބައްދަލުވުންތަކަކަށްފަހު، މުޖްތަބާ ޚާމަނާއީ އީރާނުގެ އާ ރޫޙާނީ ލީޑަރުގެ ގޮތުގައި އިޢުލާންކުރީ 8 މާރިޗު 2026 ގައެވެ. މި ބަދަލު އައިސްފައިވަނީ، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ، 28 ފެބްރުއަރީ 2026 ގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ޙަމަލާއެއްގައި އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

މުޖްތަބާ ޚާމަނާއީއަށް ޢުމާނުގެ އިތުރުން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލީޔޭވް ވެސް ވަނީ ރަސްމީކޮށް މަރުޙަބާ ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް މި ނިންމުން ސިފަކުރެއްވީ ހެދުނު "ބޮޑު ގޯހެއް" ގެ ގޮތުގައެވެ. އަދި މުޖްތަބާއަކީ އެފަދަ މަޤާމަކަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މިއީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ތާރީޚުގައި އައި ވަރަށް ބޮޑު ބަދަލެކެވެ. ސަބަބަކީ، ރަސްކަމުގެ ނިޒާމާ ދެކޮޅަށް އުފެދުނު ނިޒާމެއްގެ ތެރެއިން، ފުރަތަމަ ފަހަރަށް ރޫޙާނީ ލީޑަރުގެ މަޤާމު ބައްޕައެއްގެ ފަރާތުން ދަރިއަކަށް ވާރުތަވެގެން ދިޔަ ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.