ރާއްޖެއަށް 1.2 ކިލޯގެ ޑްރަގް އެތެރެކުރި ނައިޖީރިއާގެ މީހަކަށް ހޮޓެލް ބުކިން ހައްދައިދިން ދިވެއްސަކު 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މ. އިދާލާ އާލިފް ވަހީދުގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެ ކުރުމުގައި އެހީތެރިވުމުގެ ދައުވާ ދައުލަތުން ކުރީ 2024 ވަނަ އަހަރު ދިރުވާލައިގެން 1.2 ކިލޯގެ ޑްރަގް އެތެރެކުރި ނައިޖީރިއާގެ މީހަކަށް އެކަމުގައި އެހީތެރިވި ކަމަށް ބުނެ އެވެ.

Ad
rt

އެގޮތުން އެ މީހާ ރާއްޖޭގައި ހުރުމުގެ ހޮޓެލް ބުކިންއަށް ފައިސާ ދެއްކުމުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އޭނާގެ ހަރަކާތްތައް ބެލުމުގައި އާލިފް ހަރަކާތްތެރިވި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވަނީ ޑްރަގް އެތެރެކުރި މީހާގެ ހޮޓެލް ބުކިންއަށް ފައިސާ ދެއްކީ އާލިފްގެ އެކައުންޓުން ކަމަށް ވާއިރު އެ މީހާ ރާއްޖެ އައިއިރު އެއާޕޯޓުން އޭނާގެ ހަރަކާތްތައް ބަލައި, ފާރަލުމުގައި އޭނާ ހަރަކާތްތެރިވިކަން ހެކިތަކުން އެނގޭ ކަމަށެވެ. އަދި އޭނާގެ އަމަލުތަކާއި ހެކިތައް ހުރިގޮތުން އެއީ އެ މީހާ މަސްތުވާތަކެތި އެތެރެކުރާކަން އެނގިހުރެ ކުރި ކަމެއްކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން އާލިފް 18 އަހަރަށް ޖަލަށްލުމާއެކު 75,000ރ. އިން ޖޫރިމަނާކޮށް, އެ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް ބަންދުގައި ކުރިން ހޭދަކުރި މުއްދަތު އުނިކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.