މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ (ކޮންސެޝަނަލް ފައިނޭންސިންގ) ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި، ކޮމަންވެލްތަކީ ސުލްހަ މަސަލަސްކަމާއި، ހެޔޮވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމުގައި ނަމޫނާ ޖަމާއަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ޝިއާރު ކަމުގައިވާ "ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން" މި ޝިއާރުން ރަމްޒުކޮށްދެނީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މިއަހަރުގެ ޝިއާރު ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ތައުލީމީ ދާއިރާ ކުރިއެރުވުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޑިޖިޓަލްކުރުން ހިމެނެއެވެ.

ވަކިން ހާއްސަކޮށް، ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވުމުން، މޫސުމީ ބަދަލުތަކާއި އިގްތިސާދީ ލޮޅުންތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ބޮޑުކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ކޮމަންވެލްތަށް 77 އަހަރު ފުރުމާ ގުޅިގެން، ގައުމުތަކުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި، އެ ޖަމާއަތުގެ މަގުސަދުތައް ހާސިލުކުރުމުގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވާނެކަމުގެ ޔަގީންކަން ރައީސްގެ މެސެޖުގައި ވަނީ ދެއްވާފައެވެ.