ގެދޮރު އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތަކާއި މަގުހެދުން ފަދަ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ކުރިން ކުރަންޖެހޭ ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ (އީއައިއޭ) ރިޕޯޓު ހަދަން ނުޖެހޭ ގޮތަށް ސަރުކާރުން "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު" އިސްލާހުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ގެނައި މި އިސްލާހުގެ މަގުސަދަކީ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމާއި، އާންމު ފަރުދުންނަށް ދިމާވާ ދަތިތައް ހައްލުކުރުމެވެ. މި ބަދަލާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫޢުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ad
rt

އީއައިއޭ ރިޕޯޓަކާ ނުލައި ކުރިއަށް ގެންދެވޭނެ މައިގަނޑު މަޝްރޫޢުތައް:

އާ ގަވާއިދުގެ ދަށުން އީއައިއޭ ހަދަން ނުޖެހޭ ކަންކަމުގެ ތެރޭގައި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫޢުތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒުތައް ގާއިމުކުރުން ހިމެނެއެވެ. އަދި ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތައް އަލަށް ތަރައްޤީކުރާއިރު އެންމެ ފުރަތަމަ އަޅާ ގުދަން، އެކޮމޮޑޭޝަން ބްލޮކް އަދި ކޮމިއުނިކޭޝަން ޓަވަރު ފަދަ ތަންތަނަށް ވެސް މިހާރު އީއައިއޭ ބޭނުމެއް ނުވާނެއެވެ.

މީގެ އިތުރުން އާންމު ދިރިއުޅުމާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ވަނީ ލުއިދީފައެވެ. އޭގެ ތެރޭގައި:

  • ދުވާލަކު 5 ޓަނަށް ވުރެ މަދުން ފެން ނުވަތަ ގަނޑުފެން އުފައްދާ ޕްލާންޓް ބެހެއްޓުން.
  • 300 ކިލޯވޮޓަށް ވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބޭނުންކުރުން.
  • ލަކުޑިން އޮޑިދޯނިފަހަރު ބަނުމާއި، އަމިއްލަ ގޯތިތަކުގައި ފެންވަޅު ބެހެއްޓުން.
  • އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމާއި، އެއްގަމު ތޮށްޓާއި ފާލަން ފަދަ ތަންތަން އަސްލަށް ބަދަލު ނާންނާނެހެން މަރާމާތުކުރުން.
  • ކުއްލި ހާލަތްތަކުގައި ފުރާނައާއި މުދާ ރައްކާތެރިކުރުމަށް އަޅާ ވަގުތީ ފިޔަވަޅުތައް.

އީއައިއޭ ރިޕޯޓު އަދިވެސް ހަދަންޖެހޭ ބޮޑެތި މަޝްރޫޢުތައް:

ތިމާވެށްޓަށް ބޮޑެތި ބަދަލުތައް އަތުވެދާނެ މަޝްރޫޢުތަކަށް އަދިވެސް އީއައިއޭ ހެދުން ވަނީ މަޖުބޫރުކޮށްފައެވެ. މީގެ ތެރޭގައި:

  • ބިން ހިއްކުމާއި، އެއަރޕޯޓް އެޅުމާއި، ބަނދަރު ހެދުން ފަދަ މަޝްރޫޢުތައް.
  • 50 އެނދަށް ވުރެ ބޮޑެތި ހަސްފަތާލުތަކާއި، ޓޫރިސްޓް ރިޒޯޓާއި ހޮޓާ ތަރައްޤީކުރުން.
  • 1 މެގަވޮޓަށް ވުރެ ބޮޑެތި އިންޖީނުގެތައް އެޅުމާއި، ތެލާއި ގޭސް ރައްކާކުރާ ތަންތަން ހެދުން.
  • 10 ޓަނަށް ވުރެ ބޮޑެތި ފެން އުފައްދާ މެޝިން ބެހެއްޓުމާއި، ނަރުދަމާގެ މަޝްރޫޢުތައް.
  • ކޮމާޝަލް ދަނޑުވެރިކަމާއި (1 ހެކްޓަރަށް ވުރެ ބޮޑު) މަސްވެރިކަމުގެ ބޮޑެތި މަޝްރޫޢުތައް.

މި ބަދަލުތަކާއެކު، ކުދި އަދި މެދުފަންތީގެ ގިނަ މަސައްކަތްތަކަކަށް ހުރި އިދާރީ ހުރަސްތައް ނެތިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. ނަމަވެސް، އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ކަނޑައެޅި ކަންކަން ކުރިއަށް ގެންދާއިރު ވެސް، ތިމާވެށި ރައްކާތެރިކުރުމުގެ އާންމު މިންގަނޑުތަކަށް ތަބާވާންޖެހޭނެ ކަމަށް އެ މިނިސްޓްރީން ހަނދާންކޮށްދެއެވެ.