ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފައިވާ ކަމަށެވެ.

އެތަކެތި އަތުލައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ފަހުގެ މައުލޫމާތު ދެއްވަމުން މިފަހުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެފައިވަނީ ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަން ސިނގިރޭޓު އަތުލައިގަނެވިފައި ވާކަމަށެވެ.
ވަގަށް އެތެރެކުރާ ތަކެތި ހުއްޓުވައި ގާނޫނު ތަންފީޒު ކުރަން ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ނެވެ.

Ad
rt