ބިން ހަވާލުނުކޮށްގެން 57 މަޝްރޫޢުއެއް ނުފެށި އެބައޮތް ކަމަށާ އެއީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާނީ ހެކި ހުރީމަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ވުޒާރާގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ދިވެހީންގެރާއްޖެ ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުން ބިން ހަވާލުނުކޮށްގެން 57 މަޝްރޫޢުއެއް ނުފެށި އެބައޮތް ކަމަށް ރައީސް ވިދާޅުވެފައިވާތީ އެއީ ކޮން ރަށްތަކެއް ކަން އޮޅުންފިލުވައި ދިނުމަށް ނޫސްވެރިއަކު ވަނީ އެދިފަ އެވެ.

Ad
rt

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއަކީ ރަށްރަށުގައި މަޝްރޫއުތައް ހިންގާ ކުންފުނިތަކާ އެކު މަސައްކަތް ކުރާ އަދި އެ ރެކޯޑުތައް ބަލަހައްޓާ ވުޒާރާއަކަށް ނުވާތީ އެ ލިޔެކިޔުންތައް ނެތް ކަމަށެވެ. އެހެން ނަމަވެސް ރައީސް އެފަދަ ވާހަކަފުޅެއް ވިދާޅުވާނީ ހެކި ހުރީމަ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ސީދާ މަޝްރޫއުތަކުގެ ރެކޯޑުތައް ނުބެލެހެއްޓި ނަމަވެސް ސަރުކާރުން ހިންގަން ރާާފައިވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބައެއް ރަށްރަށުގައި ގޮންޖެހުންތައް ދިމާވާކަމުގެ ކަންބޮޑުންވުންތައް އެކި ސިފަސިފައިގައި ވުޒާރާއާ ހަމައަށް ވެސް އައިސްފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.

"ރައީސް ވިދާޅުވާ ވާހަކަފުޅު ތަކަކީ ބަހުން ބަހަށް ވިދާޅުވާ ވާހަކަފުޅުތައް. އެމަނިކުފާނު ވިދާޅުވާ ކޮންމެ ވާހަކަފުޅަކީ އެކަމުގެ ހެކި ހުރީމަ ދައްކަވާ ވާހަކަފުޅެއް. އަޅުގަނޑުމެންގެ ވުޒާރާއަކީ އިދާރާތަކާއި ވުޒާރާތަކުން ރަށްރަަށުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ރެކޯޑު ބަލަހައްޓާ ބައެއް ނޫންވީމަ އަޅުގަނޑުމެން އަތުގައި އެ މައުލޫމާތެއް ނެތް. އަޅުގަނޑަށް ދަންނަވަން ކެރޭ ރައީސް އަތްޕުޅުގައި ހެއްކާ ގަރީނާ އޮތީމައި އެފަދައިން އެ ވިދާޅުވީ. އަޅުގަނޑުމެންނަށް ވެސް އެފަދަ ކަންކަން ފެންމަތިވެފައި ހުރީ. އެކަމަކޫ ރައީސް އަށް މާ ތަފްސީލީ ރިޕޯޓު އިދާރާތަކުން ލިބިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ވުރެ. " ވަޒީރު ވިދާޅުވި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކައުންސިލުތަކުން މި ސަރުކާރުގެ މަޝްރޫތަކަށް ހުރަސް އަޅަނީ ނިމިދިޔަ ސަރުކާރުން ކުރަން ބޭނުންވެފައި ހުރި އެކަމަކު ނުކުރެވި ހުރި ކަންކަން ރައީސް މުއިއްޒު ކުރައްވަފާނެތީ ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.