ރާއްޖޭގެ ފަތުރުވެރިކަމާއި ކަނޑުދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ސިޔާސަތުގެ ދަށުން، ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.
މި މަޝްރޫޢަކީ އުލިގަންގެ އެންމެ އުތުރު ސަރަހައްދުގައި، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ބައިނަލްއަޤުވާމީ ޔޮޓްތަކަށާއި ސަރަހައްދީ އުޅަނދުފަހަރަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި މަޝްރޫޢުގެ ދަށުން މެރީނާ ބޭސިންއާއި ނެރު ހިމެނޭހެން 48،000 އަކަމީޓަރުގެ ސަރަހައްދެއް 5 މީޓަރުގެ ފުންމިނަށް ކޮނުމާއި، ބޭރުތޮށި ލުމާއި، 50 މީޓަރުގެ ކޮންކްރީޓް ޖެޓީއެއްގެ އިތުރުން 42 އުޅަނދަށް ބަނދަރުކުރެވޭ ފްލޯޓިންގ ޕޮންޓޫން ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ބަނދަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައި.އެސް.ޕީ.އެސް މިންގަނޑުގެ ސަލާމަތީ ފެސިލިޓީއަކާއި އިދާރީ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިދާރީ އިމާރާތަކީ މޯލްޑިވްސް ކަސްޓަމްސް، އިމިގްރޭޝަން، ޕޯޓް ހެލްތު އަދި އެމް.އެން.ޑީ.އެފް ފަދަ މުއައްސަސާތަކަށް ޚިދުމަތް ދެވޭނެހެން ފަރުމާކުރެވޭ ތަނެކެވެ. މަސައްކަތް ހަވާލުކުރެވޭ ކޮންޓްރެކްޓަރަކީ ތިމާވެށީގެ އުސޫލުތަކަށް ބޯލަނބާ، އީ.އައި.އޭ ރިޕޯޓް ތައްޔާރުކޮށް، ހުރިހާ ހުއްދަތަކެއް އަމިއްލައަށް ހޯދަންޖެހޭ ފަރާތެކެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް 07 މާރިޗު 2026 ގެ 13:00 ގެ ކުރިން tender@port.mv އަށް އީމެއިލް ކުރަންޖެހެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 09 މާރިޗު 2026 ގެ 13:00 އެވެ.
އަގު ހުށަހަޅާ ފަރާތްތަކަކީ އެމްޕީއެލްގެ ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 3039241 ނަންބަރަށް ގުޅުއްވުމަށް އެމްޕީއެލް އިން އިރުޝާދު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!