މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިމާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި ފުރުސަތު މިހާރު ވަނީ 30 އެޕްރީލް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އިތުރުކޮށްފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހާ ހަމައަށް 5,000 އަށްވުރެ ގިނަ މީހުން ވަނީ "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާފައެވެ. މީގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 3,434 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 1,633 މީހުން ހިމެނެއެވެ. މީގެ އިތުރުން 11,304 މީހުން ފޯމު ފުރުމުގެ ޑްރާފްޓް މަރުހަލާގައި ތިބި ކަމަށް މިނިސްޓްރީން ބުނެއެވެ.
ގޯއްޗާއި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް
މި ސިޔާސަތުގެ ދަށުން 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭ ރަށްވެހިންނަށާއި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. ފްލެޓް ދޫކުރުމުގެ އުސޫލަށް ބަލާއިރު، ޖުމުލަ 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ހިމެނެއެވެ.
ސަރުކާރުން ވަނީ މި ސްކީމަށް ބައެއް މުހިންމު ބަދަލުތައްވެސް ގެނައުމަށް ނިންމާފައެވެ. އެގޮތުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކެޓަގަރީއެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ކުރީގެ "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކުން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ، އެފަރާތްތަކަށް ހާއްސަ 2,000 ގޯތި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ.
މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިން ހުޅުވާލެވިފައިވީ ނަމަވެސް، މިހާރު މިވަނީ މުޅި މުއްދަތު 2026 ވަނަ އަހަރާ ހަމައަށް އިތުރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!