މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައި ނުސާފުވެ، ދުންފުނީގެ އަސަރު ކުރަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން މިއަދު ބުނެފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، ގައުމުގެ އިގްތިސާދުގެ އިތުރުން ސިއްހީ ގޮތުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި، ސަރުކާރުން މި މައްސަލައަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ބޭރު ގައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާ ގުޅިގެން ސައިންޓިފިކް ދިރާސާތައް ކުރުން ހިމެނެއެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅޭ މައުލޫމާތު ބަދަލުކުރުމާއި، ސަރަހައްދީ ގައުމުތަކާއެކު މަތީ ފަންތީގައި މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ.
ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު، ކުޑަ ޖަޒީރާ ގައުމަކަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަކީ ސަރުކާރުން އަބަދުވެސް އެންމެ މަތީ އިސްކަމެއް ދޭނެ ކަންކަން ކަމުގައި އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!