މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ އޮޅިގެން ހަވާލުކުރެވުނު 94,000 ރުފިޔާ ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މި މައްސަލައަކީ ފައިސާ ލާފައިވާ ސިޓީ އުރައެއް ލިބެންޖެހޭ ފަރާތަށް ނުލިބިގެން، މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.
މާފަންނު ޕޮލިހުން މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ސީސީޓީވީ ފުޓޭޖުތައް ބަލާފައިވީ ނަމަވެސް، ފުޓޭޖުން ބޯޓު ދެނެގަނެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ފުލުހުން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކޮށްފައެވެ. މި މަސައްކަތުން ފައިސާ ހަވާލުކުރެވުނު ބޯޓު ދެނެގަނެވި، އެ ބޯޓުގެ ކެޕްޓަނާ ގުޅުނުއިރު ބޯޓު އޮތީ ވ. އަތޮޅުގައެވެ.
ބޯޓުގެ ކެޕްޓަނާ ހަވާލާދީ ފުލުހުން ބުނީ، މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގެ ލޮކަރުގައި އޮތް ކަމަށް ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ފެބުރުވަރީ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގެ މުވައްޒަފުންގެ މުސާރައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ރިސޯޓަށް ފޮނުވުމަށްޓަކައި ފައިސާ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނަކާ އޮޅިގެން ފައިސާ ހަވާލުކުރެވުމުންނެވެ. ފުލުހުން ވަނީ ނަގުދު ފައިސާ ގެންގުޅުމުގައާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
"ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް،" ފުލުހުން ބުނެފައިވެއެވެ.
މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!