އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިންއިން ހޮވާ ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ. މިއީ ރާއްޖޭގެ ރައީސަކަށް މި ޝަރަފުވެރި ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޓައިމް މެގަޒިންއިން ރައީސް މުއިއްޒުގެ ނަން މި ލިސްޓުގައި ހިމަނާފައިވަނީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ އާންމު ސިއްހަތު ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވަމުންދާ މުހިންމު މަސައްކަތްޕުޅުތަކަށް ރިއާޔަތްކޮށްފައެވެ. ވަކިން ހާއްސަކޮށް، ބަލިޖެހުމުން ފަރުވާ ދިނުމުގެ ބަދަލުގައި ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދިނުމަކީ ރައީސްގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި އެ މަގަޒިންއިން ވަނީ ސިފަކޮށްފައެވެ.

Ad
rt

ރައީސް މުއިއްޒުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ޓައިމް މެގަޒިންއިން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ދުންފަތާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެވެ. މީގެ ތެރޭގައި 2007 ވަނަ އަހަރުގެ ފަހުން އުފަންވި ކުދިންނަށް ސިނގިރޭޓު ވިއްކުމާއި ބޭނުންކުރުން މަނާކުރާ "ޖެނަރޭޝަން ބޭން" ތައާރަފްކުރުމާއި، ވޭޕް މަނާކުރުމަށް ނިންމެވި ނިންމެވުން ހިމެނެއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ސިޒޭޝަން ކްލިނިކްތައް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެ ނޫހުން ވަނީ ތައުރީފުކޮށްފައެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުން 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމްކުރުމަކީ ރައީސްގެ ސަރުކާރުން ހޯދާފައިވާ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ޓައިމްއިން ފާހަގަކުރެއެވެ. އަދި މަންމަގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން ހުއްޓުވި ފުރަތަމަ ގައުމަށް ރާއްޖެ ވެފައިވާކަންވެސް އެ ނޫހުން ވަނީ ބަޔާންކޮށްފައެވެ.

މި ލިސްޓުގައި ހިމެނިވަޑައިގަތުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ބޮޑު ބަލައިގަތުމެކެވެ.