ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ ޖަރުމަނުވިލާތުގެ ރައީސްގެ ރަސްމީގޭގެ ގޮތުގައި ބޭނުންކުރައްވާ "ޝްލޮސް ބެލްވިއު" ގައެވެ. ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރއެވެ. މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ވަނީ ގާޑް އޮފް އޮނަރއެއް ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި ޖަރުމަނުވިލާތުގެ އިސް ބޭފުޅުން ވަނީ އެކަކު އަނެކަކަށް ތަޢާރަފުވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝްލޮސް ބެލްވިއުގެ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވައި، ޖަރުމަނުގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވާފައެވެ.
ޖަރުމަނުން ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން، ބަރލިންގައި ބޭއްވި "މޯލްޑިވްސް-ޖަރުމަނު ބިޒްނަސް ރައުންޑްޓޭބަލް" ގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ތަޞައްވުރު ހާމަކުރައްވާފައެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ތަރައްޤީއަށް އެކަށައަޅާފައިވާ "ވިޜަން 2040" އާ ބެހޭ މަޢުލޫމާތު ޖަރުމަނުގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވަމުން، އިޤްތިޞާދު ހަރުދަނާކުރުމާއި، މާލީ ނިޒާމުތައް ޒަމާނީކުރުމާއި، އަދި ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާލީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަސްމީ ރިޒާވް އިތުރުވެފައިވާކަމަށާއި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރަމުންދާކަން ހާމަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން "ޕްރޮޖެކްޓް ސޯލަރ ސިޓީ" ފަދަ އީޖާދީ މަޝްރޫޢުތަކުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެކަމުގައި ބައިވެރިވުމަށް ޖަރުމަނުގެ އިންވެސްޓަރުންނަށް ރައީސް ދަޢުވަތު އެރުވިއެވެ. އަދި ޞިއްޙީ، ބޭންކިންގ އަދި މާލީ ދާއިރާއިން ހުރި ފުރުޞަތުތަކަށް ބައްލަވާލައްވަމުން، ރާއްޖެއިން މަސައްކަތްކުރަނީ ދެފުށް ފެންނަ، އިތުބާރު ހުރި ވިޔަފާރީގެ މާޙައުލެއް ބިނާކުރުމަށް ކަމަށް ވިދާޅުވެ، ޖަރުމަނަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!